ކުޅިވަރު
ޗެމްޕިއަންސް ލީގު: ފަހު ވަގުތު ކައި ހަވަޓްސް ކާމިޔާބުކުރި ގޯލާއެކު އާސެނަލް ފުރަތަމަ ލެގު ކާމިޔާބުކޮށްފި
ސްޕޯޓިންގެ ގޯލަށް ކައި ހަވަޓްސް ބޯޅަ ފޮނުވާލަނީ---
ޗެމްޕިއަން ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި، ފަހު ވަގުތު ކައި ހަވަޓްސް ކާމިޔާބު ކުރި ގޯލާއެކު އާސެނަލްއިން 1-0އިން ޕޯޗުގަލްގެ ސްޕޯޓިން ބަލިކޮށްފިއެވެ.
ޕޯޗުގަލްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ވާދަވެރި ކުޅުމެކެވެ. އަދި މެޗުގެ ފުރަތަމަ ހާފުގައި ސްޕޯޓިންއިން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއެވެ.
މި މެޗަށް ނިކުތްއިރު އާސެނަލްއަށް އޮތް ޕްރެޝަރަކީ އެ ޓީމު އެންމެ ފަހުން މި ސީޒަނުގައި ކުޅުނު ދެ މެޗުން ބަލިވެފައިވުމެވެ. މިއީ މި ސީޒަންގައި އެ ޓީމު ޖެހިޖެހިގެން ދެ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
މެޗުގެ ނަތީޖާ ބަދަލުކުރުމަށް އެޓޭކިން ވަރުގަދަ ކުރުމުގެ ގޮތުން ދެވަނަ ހާފުގައި އާސެނަލް ގިނަ ބަދަލުތަކެއް ގެނައެވެ. އެގޮތުން ކައި ހަވަޓްޒް އާއި ގެބްރިއެލް މާޓިނޭލީގެ އިތުރުން މެކްސް ޑޯމެން ވަނީ ކުޅެން ނެރެފައެވެ.
މި މެޗަށް ނިކުމެ ޑޯމެން ވަނީ ޗެމްޕިއަންސް ލީގުގެ ޝަރަފެއް ހަދާފައެވެ. އެއީ އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފެވެ. އުމުރުން 16 އަހަރާއި 97 ދުވަހުގައި ޑޯމެން މި ޝަރަފު ހޯދިއިރު، މިއީ ކުރިން ލެމީން ޔަމާލްގެ އަތުގައި އޮތް ޝަރަފެކެވެ. އެންމެ ފުރަތަމަ ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ޔަމާލް ކުޅުނުއިރު އޭނާގެ އުމުރަކީ 16 އަހަރާއި 272 ދުވަހެވެ.
އާސެނަލްއިން މި މެޗުގައި ޖެހި ހަމައެކަނި ގޯލަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ފުރަތަމަ މިނެޓުގައި ގެބްރިއެލް މާޓިނޭލީ ދިން ޕާހަކުން ކައި ހަވަޓްޒް ކާމިޔާބުކޮށްދިން ގޯލެކެވެ.
ކުއާޓަރ ފައިނަލުގެ ދެވަނަ ލެގުގައި މި ދެ ޓީމު ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ހަފްތާގައި ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައެވެ.