Ads by Farudhun

ޚަބަރު

ކޮލަމްބޯގައި ތާށިވެފައިވާ ކޮންޓެއިނަރގެ ތެރެއިން 80 ކޮންޓެއިނަރ ގެނައުން އަވަސްކުރަން އެދިއްޖެ

ކޮލަމްބޯގައި ތާށިވެފައިވާ ކޮންޓެއިނަރގެ ތެރެއިން 80 ކޮންޓެއިނަރ ގެނައުން އަވަސްކުރަން އެދިއްޖެ

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 އޭޕްރީލު 2026، 12:00

08 އޭޕްރީލު 2026، 12:00

އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯ ބަނދަރުގައި ތާށިވެފައި ހުރި ކޮންޓެއިނަރުތަކުގެ ތެރެއިން ރާއްޖޭގެ ބާޒާރަށް ދިމާވެދާނެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، 80 ކޮންޓެއިނަރު ރާއްޖެ ގެނައުން އަވަސްކޮށްދިނުމަށް އެދިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖެއާއި ކޮލަމްބޯއާ ދެމެދު މުދާ އުފުލުމުގެ ދަތުރުތައް ކުރަމުން ދިޔަ ނަމަވެސް، ދުނިޔޭގެ މަޝްރަހަށް އައިސްފައިވާ ބަދަލުތަކާއެކު މިހާތަނަށް 4،200 އެއްހާ ކޮންޓެއިނަރު ކޮލަމްބޯގައި ތާށިވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނޭ ވަކި ބާވަތްތަކެއްގެ މުދާ ލިބުން މަޑުޖެހުމަކީ ރާއްޖޭގެ މާކެޓަށް އޭގެ ނޭދެވޭ އަސަރު ފޯރާފާނެ ކަމެއް ކަމަށްވާތީ، އެފަދަ މުދާ ގެނައުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ އަވަސްކޮށްފައެވެ.

ޚާއްޞަކޮށް ބާޒާރުގައި އަސާސީ މުދަލުގެ ތެރެއިން ދެ ބާވަތެއް ލިބުން ދަތިވެދާނެ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފައިވާތީ، އެކަމަށް ސަރުކާރުން ވަނީ އިސްކަންދީފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ސަން ފްލާވާ ތެލާއި ކިރު ހިމެނޭ 80 ކޮންޓެއިނަރު އަވަހަށް ރާއްޖެ ގެނައުމަށް ލަންކާގެ ކަމާގުޅުންހުރި އިދާރާތަކާއެކު މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

މިއަދު ހެނދުނު ވިދާޅުވި ދެ ޕްރޮޑަކްޓެއް އަވަސްކުރަން ބާޒާރުން އަޅުގަނޑުމެންނަށް ރެކުއެސްޓް ކޮށްފައި އެބައިން. އެހެންވެ އެ ދެ ބާވަތްވެސް އަޅުގަނޑުމެން މިދަނީ އަވަސްކުރަމުން. އޭގެ ތެރޭގައި އެސެންޝިއަލް އައިޓަމްސްގެ ތެރޭގައި ހިމެނޭ، މާނައަކީ 164 ބާވަތެއްގެ އައިޓަމްގެ ތެރޭގައި ހިމެނޭ ބާވަތެއް ވީމަ ވަރަށް ބޮޑަށް އެ މުދާ ގެނައުމުގެ ޕްރަޔޯރިޓީ އެބަދެމޭ. މާކެޓުގައި މުދާ ހުހެއް ނުވޭ، އެހެންނަމަވެސް ހުސްވިޔަނުދީ އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން މިކަން މިކުރަނީ،

ވަޒީރު ސަޢީދު 

ދުނިޔޭގެ ދަތުރުފަތުރުގެ ދާއިރާއަށް މިފަދަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވަނީ ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެންނެވެ. މި ހަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ޝިޕިންގް ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އިޤްތިޞާދީ ވުޒާރާއާއި ކަމާގުޅޭ އެހެން އިދާރާތައް ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450