ކުޅިވަރު
ޗެމްޕިއަންސް ލީގު: އަލްވަރޭޒްގެ ރީތި ހިލޭޖެހުމާއެކު އެތުލެޓިކޯއިން ބާސެލޯނާގެ މައްޗަށް ކުރި ހޯދައިފި
ބާސެލޯނާ ކޮޅަށް ހިލޭ ޖެހުން ކާމިޔާބުކުރުމަށްފަހު ހޫލިއަން އަލްވަރޭޒް އުފާފާޅުކުރަނީ---
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑްގެ ހޫލިއަން އަލްވަރޭޒް ކާމިޔާބުކުރި ރީތި ހިލޭޖެހުމަކާއެކު، އެ ޓީމުން ކޭމްޕް ނޯގައި ބާސެލޯނާގެ މައްޗަށް 2-0އިން ކުރި ހޯދައިފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާގެ ލެމީން ޔަމާލް އާއި މާކަސް ރަޝްފޯޑު ވަނީ އެތުލެޓިކޯގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މެޗު އަނބުރާލުމަށް އެތުލެޓިކޯއަށް އެންމެ ބޮޑަށް އެހީވީ، ފުރަތަމަ ހާފު ނިމެނިކޮށް ބާސެލޯނާގެ ޑިފެންޑަރު ޕައު ކުބާސީއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އެތުލެޓިކޯއިން ވަނީ އެ ހިނދުން ފެށިގެން އޭގެ ފައިދާ ނަގާފައެވެ. އެގޮތުން އެ ޓީމުން ލީޑު ނެގީ ކުބާސީ ކުރި ފައުލަށް ލިބުނު ހިލޭ ޖެހުން، އަލްވަރޭޒް ކާމިޔާބުކުރުމުންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ބާސެލޯނާއަށް ވެސް ވަނީ ހަމަ އެ ތަނުން ހިލޭ ޖެހުމެއް ލިބިފައެވެ. ނަމަވެސް އެ ޓީމުގެ ލެމީން ޔަމާލް ފޮނުވާލި ހިލޭ ޖެހުން ވަނީ އެތުލެޓިކޯގެ ގޯލްކީޕަރު ހުއާން މުސޯ ދިފާއުކޮށްފައެވެ. އޭގެ އިރުކޮޅެއް ކުރިން ރަޝްފޯޑަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެތުލެޓިކޯގެ ގޯލްކީޕަރު ކައިރިން ނައްޓާލުމަށްފަހު އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާނގަނޑަށެވެ.
ނަތީޖާއަކަށްވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެތުލެޓިކޯގެ ފޯވާޑް އެލެކްސެންޑަރ ސޯރލޮތު އެ ޓީމުގެ ލީޑު މެޗުގެ 70ވަނަ މިނެޓުގައި ފުޅާކުރުމެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އެތުލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނީ، ކޭމްޕް ނޯގައި ބާސެލޯނާ ބަލިކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި، އެ ޓީމަކީ ޔޫރަޕްގެ ގަދަ ބާރެއް ކަމުގައެވެ. ނަމަވެސް ބާސެލޯނާގެ މައްޗަށް އެ ޓީމަށް ކާމިޔާބު ހޯދުނީ ޓީމް ވޯކް ރަނގަޅުކަމުން ކަމަށާއި، ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުމުން ކަމަށެވެ.
މެޑްރިޑުގައި މި ދެ ޓީމު ބައްދަލުކުރާ ކުއާޓާގެ ދެވަނަ ލެގު އޮންނާނީ އަންނަ ހަފްތާގައެވެ.