ޚަބަރު
ރަސްފަންނު މަރާމާތުކުރާތީ އެ ތަނުގެ ބައެއް ސަރަޙައްދުތައް ބަންދުވާނެ
ސަން ފައިލް ފޮޓޯ، 2020ވަނަ އަހަރު ރަސްފަންނަށް ގެއްލުންވެފައި---
ފަރުދުން
10 އޭޕްރީލު 2026، 04:50
10 އޭޕްރީލު 2026، 04:50
ބުރާސްފަތި ދުވަހުން ފެށިގެން ރަސްފަންނު މަރާމާތުގެ މަސައްކަތް ކުރިޔަށްދާނެތީ، ރަސްފަންނުގެ ބައެއް ސަރަޙައްދުތައް އެކަމާ ގުޅިގެން ބަންދުވާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިކަމާ ގުޅިގެން އެ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނީ، މި މަސައްކަތް ހިނގާ މުއްދަތުގައި، މި މަސައްކަތް ކުރިއަށް ގެންދާ ސަރަޙައްދުތައް ވަގުތީ ގޮތުން ބަންދުކުރަމުންދާނެކަމަށެވެ.
ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް ފެށިއިރު، ބީޗް ގިރައިގެން ދިއުމާއި އެތާންގައި ހުރި ހަޓްތައް ހަލާކުވެފައި ހުންނަތާ ދުވަސްތަކެއް ވެއްޖެއެވެ.
މާލެ ސިޓީގައި ހުރި ފިނިމައިޒާންތަކާއި، އާންމު ތަންތަން މަރާމާތު ނުކުރުމުގެ ޝަކުވާއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުވުންތަކުގައި ގިނަ ބައެއްގެ ޝަކުވާއެކެވެ. ރައީސުލްޖުމްހޫރިއްޔާ އޭރު ވިދާޅުވީ، އެއީ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށާއި، ނަމަވެސް ސިޓީ ކައުންސިލުން އެ މަސައްކަތްތައް ނުކުރާނަމަ، ސަރުކާރުން އެކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމަށެވެ.