ޚަބަރު
އައްޑޫގައި ޤާއިމުކުރާ ސަރަޙައްދީ ކުނި މެނޭޖުކުރާ ނިޒާމަށް ބަނދަރަކާއި ރިސައިކަލް ފެސިލިޓީއެއް އިތުރުކުރަނީ
އައްޑޫގައި ގާއިމުކުރާ ކުނިން ހަކަތަ އުފައްދާ ނިޒާމް ފޮޓޯ: ތިމާވެއްޓާއި ބެހޭ ވުޒާރާ
އައްޑޫސިޓީގައި ޤާއިމުކޮށްފައިވާ ދެކުނުގެ ސަރަޙައްދީ ކުނި މެނޭޖުކުރާ ނިޒާމު އިތުރަށް ފުޅާކޮށް، އެތަނަށް ޚާއްސަ ބަނދަރަކާއި ރިސައިކަލް ފެސިލިޓީއެއް ތަރައްޤީ ކުރަން ނިންމާފައިވާ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ.
ތިމާވެށީގެ ދާއިރާއިން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ޙިއްސާ ކުރައްވަމުން ވަޒީރު ވިދާޅުވީ، ދެކުނުގެ ހަތަރު އަތޮޅަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. މިއީ ގއ. އަތޮޅު، ގދ. އަތޮޅު، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ބިނާކުރާ ވަށާޖެހޭ ޒަމާނީ ނިޒާމެކެވެ.
މިހާތަނަށް އައްޑޫގައި ހުރީ ހަމައެކަނި ކުނި އަންދައިގެން ހަކަތަ އުފައްދާ (އިންސެނިރޭޝަން) ނިޒާމެކެވެ. ނަމަވެސް މި ތަން ފުރިހަމަ ރީޖަނަލް ސެންޓަރަކަށް ބަދަލުކުރުމަށްޓަކައި، ކުނި ވަކިކުރާ ނިޒާމަކާއި، ކުނި އެންދުމަށްފަހު ބާކީވާ ބައި ރައްކާތެރިކަމާއެކު ބެހެއްޓޭނެ ތަނަކާއި، އިދާރީ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އައްޑޫގައި ހުރީ އިންސެނިރޭޝަން ސިސްޓަމެއް އެކަނި. ރީޖަނަލް ސެންޓަރަކަށް ބަދަލުކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ. ކުނި ވަކިކުރެވޭނެ ނިޒާމަކާއި، އެންދުމަށްފަހު ބާކީ ހުންނަ ބައި ބެހެއްޓޭނެ ތަނަކާއި، އިދާރީ އޮފީސް އިމާރާތެއް އެޅުމާ ގުޅޭ މަސައްކަތް ދަނީ ކުރަމުން. މި ޕްރޮޖެކްޓަށް ފައިސާ ވަނީ ހަމަޖެހިފައި،
ވަޒީރު
މީގެއިތުރުން، އެ ޒޯންގެ އެކި އަތޮޅުތަކުން ގެންނަ ކުނި ފެސިލިޓީއަށް ގެންދިއުމަށް ބޭނުންކުރުމަށް ޚާއްސަ ބަނދަރެއް ތަރައްޤީ ކުރުމުގެ އިތުރުން، އަލުން ބޭނުންކުރެވޭ ބާވަތްތައް ރިސައިކަލް ކުރުމަށްޓަކައި ރިސައިކަލް ޕްލާންޓެއްވެސް މި މަޝްރޫޢުގެ ދަށުން ޤާއިމުކުރާނެއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ލިޔެކިޔުންތަކާއި އިދާރީ މަސައްކަތްތައް މިހާރު ބާރަށް ކުރިއަށްދާ ކަމަށެވެ. މި މަޝްރޫޢު ނިމުމުން، ދެކުނުގެ ރަށްތަކާއި އެ ސަރަޙައްދުގައި ހުރި ރިސޯޓްތަކުގައި އުފެދޭ ކުނި މެނޭޖުކުރުމަށް ދާއިމީ އަދި ޒަމާނީ ޙައްލެއް ލިބިގެންދާނެއެވެ.
އައްޑޫ ސިޓީގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް މިހާރުވެސް ވެމްކޯއިން ކުރިއަށް ގެންދާއިރު، ސަރުކާރުގެ އަމާޒަކީ މި ނިޒާމަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ނިޒާމަކަށް ހެދުމެވެ.