Ads by Farudhun

ޚަބަރު

އާމްދަނީއާއި ޚަރަދު ދެނެގަތުމުގެ ބޮޑު ސަރވޭ ފަށައިފި: 4000 އަށްވުރެ ގިނަ ގޭބިސީއިން މަޢުލޫމާތު އެއްކުރަނީ

އާމްދަނީއާއި ޚަރަދު ދެނެގަތުމުގެ ބޮޑު ސަރވޭ ފަށައިފި: 4000 އަށްވުރެ ގިނަ ގޭބިސީއިން މަޢުލޫމާތު އެއްކުރަނީ

އާމްދަނީއާއި ޚަރަދު ދެނެގަތުމުގެ ބޮޑު ސަރވޭއެއް ކުރަން ނިންމުން ފޮޓޯ: ސްޓެޓިސްކޓިކްސް ބިއުރޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 އޭޕްރީލު 2026، 07:00

11 އޭޕްރީލު 2026، 07:00

ރާއްޖޭގެ ގޭބިސީތަކުގެ އާމްދަނީއާއި ޚަރަދުތައް ހުރިގޮތް ދެނެގަތުމަށްޓަކައި މުޅި ރާއްޖެ ހިމެނޭހެން ކުރިއަށްގެންދާ ބޮޑު ސަރވޭގައި 4000 އަށްވުރެ ގިނަ ގޭބިސީއިން މަޢުލޫމާތު އެއްކުރުމަށް ނިންމާފައިވާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކުރައްވައިފިއެވެ.

ކޮންމެ 5 ނުވަތަ 6 އަހަރަކުން އެއްފަހަރު ކުރިއަށްގެންދާ މި ސަރވޭއަކީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ހާލަތު ވަޒަންކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އެންމެ ފަހުން މިފަދަ ސަރވޭއެއް ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފެށި މި ސަރވޭގެ ފުރަތަމަ ބުރު މިހާރު ކުރިއަށްދަނީ މާލެ ސަރަޙައްދުގައެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓޭޓިސްޓިކްސްއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މާލޭގެ ގޭބިސީތަކުން މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ނިމޭނެއެވެ. މި ސަރވޭގެ ދަށުން މާލެއާއި އެހެނިހެން ސިޓީތަކުން 2085 ގޭބިސީއެއްގެ މަޢުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަތޮޅުތަކުގެ ރަށްތަކުގައި މި ސަރވޭ ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ތެރޭގައެވެ. އަތޮޅުތަކުން ޖުމުލަ 2010 ގޭބިސީއެއް ހިމެނޭހެން، މުޅި ރާއްޖެއިން ޖުމުލަ 4095 ގޭބިސީއެއްގެ މަޢުލޫމާތު މި ސަރވޭގައި އެއްކުރެވޭނެއެވެ. މި މަޢުލޫމާތުތައް ނަގާނީ ވަކި ތަރުތީބެއް ނެތި (ރެންޑަމްކޮށް) ހޮވާލެވޭ ގޭބިސީތަކަކުންނެވެ.

ސަރވޭގެ މައިގަނޑު މަޤުޞަދުތައް:
މި ސަރވޭގެ މައިގަނޑު ބޭނުމަކީ ގޭބިސީތަކުގެ އެވްރެޖް ޚަރަދާއި، އެކި ކަންކަމަށް ފައިސާ ހޭދަކުރާ މިންވަރު ދެނެގަތުމެވެ. މީގެ އިތުރުން ރާއްޖޭގެ ފަޤީރުކަމުގެ މިންގަނޑު އެކުލަވާލުމާއި، ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތައް މިނެކިރާ ސީ.ޕީ.އައި ގެ ބުރަދަން އިސްލާހުކުރުން ހިމެނެއެވެ. އަދި އާމްދަނީއާއި ޚަރަދުތައް ބެހިފައިވާ ގޮތުގެ ފަރަގު ދެނެގަތުމަކީވެސް މި ސަރވޭގެ މަޤުޞަދެކެވެ.

އެއްކުރާ މަޢުލޫމާތުތައް:
މި ސަރވޭގައި ގޭބިސީތަކުގެ ކުއްޔާއި، ފެން، ނަރުދަމާ، ކަރަންޓު އަދި ފޯނު ބިލުތަކުގެ އިތުރުން، ކާބޯތަކެއްޗާއި، ތަޢުލީމާއި، ސިއްޙަތާއި، ދަތުރުފަތުރަށް ކުރާ ޚަރަދުތަކުގެ މަޢުލޫމާތު އެއްކުރެވޭނެއެވެ. ހަމައެއާއެކު، އަންނައުނާއި، ފަރުނީޗަރު އަދި ލޯނު ފަދަ ކަންކަމަށް ކުރާ ޚަރަދުތައްވެސް އޮޅުންފިލުވާނެއެވެ. ފަރުދުންގެ ފެންވަރުގައި ތަޢުލީމީ ފެންވަރާއި، ވަޒީފާގެ މަޢުލޫމާތާއި، އާމްދަނީ އަދި ހިޖުރަކުރުމާ ގުޅޭ މަޢުލޫމާތުވެސް އެއްކުރެވޭނެއެވެ.

ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނީ، މި ސަރވޭގައި މަޢުލޫމާތު އެއްކުރާނީ އެކަމަށްޓަކައި ޚާއްޞަ ތަމްރީނު ދެވިފައިވާ ހުއްދަ އޮތް އޮފިޝަލުން ކަމަށެވެ. އަދި ގޭބިސީތަކުންނާއި ވަކިވަކި ފަރުދުންގެ ފަރާތުން ލިބޭ ހުރިހާ މަޢުލޫމާތެއްގެ ސިއްރުވެރިކަން ފުރިހަމައަށް ހިފަހައްޓާނެ ކަމުގެ ޔަޤީންކަން އެ ބިއުރޯއިން ދެއެވެ.

މި ސަރވޭއިން ފާހަގަވާ ކަންކަން ރިވިއުކުރުމަށްފަހު، ހޯދުންތަކުގެ ތަފްޞީލީ ރިޕޯޓެއް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450