ޚަބަރު
ކ. ހުރާ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ކޮންކްރީޓް މަސައްކަތް އެމްޓީސީސީން ފަށައިފި
ކ. ހުރާ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ކޮންކްރީޓް މަސައްކަތް ފޮޓޯ: އެމްޓީސީސީ
ކ. ހުރާގައި އަލަށް އިމާރާތްކުރާ ސިއްހީ މަރުކަޒުގެ މަސައްކަތުގެ ތެރެއިން، މިހާރު ކުރިއަށްދަނީ ކޮންކްރީޓްގެ މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، ހުރާ ސިއްހީ މަރުކަޒު އެޅުމަށް ބޭނުންވާ ސަރަހައްދު ކޮނެ މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ލީން ކޮންކްރީޓް އެޅުމުގެ މަސައްކަތްތައް ފެށުމަށް ވާންޖެހޭ ތައްޔާރީތަކެވެ.
މި މަޝްރޫއުގެ ދަށުން ހުރާގައި ތަރައްގީކުރަނީ 15,650 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި ބިނާކުރާ ދެ ފަންގިފިލާގެ އިމާރާތެކެވެ. މި އިމާރާތް ނިމޭއިރު، މިއީ 16 އެނދުގެ ޖާގަ ހިމެނޭ ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް ވެގެންދާނެއެވެ. އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި، މި އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 7,825 އަކަފޫޓު ހުންނާނެއެވެ.
މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި:
- ބިންގަނޑު އެއްވަރުކުރުމާއި ކޮންކްރީޓް ކުރުން
- ރޭނުމާއި، ޓައިލްސް ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުން
- ދަވާދުލުމާއި، ހައިޑްރޯލިކްސް އަދި ޑްރައިނޭޖްގެ މަސައްކަތް
- ކަރަންޓު ވަޔަރުކުރުމާއި، މެޑިކަލް ގޭސް ސިސްޓަމެއް ގާއިމުކުރުން
- އެއާ ކޮންޑިޝަން ކުރުމާއި އަލިފާން ނިއްވާ ނިޒާމު ގާއިމުކުރުން ހިމެނެއެވެ.
މި ސިއްހީ މަރުކަޒުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 27.23 މިލިއަން ރުފިޔާއަށް، 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ގާތްގަނޑަކަށް 1,380 މީހުންގެ އާބާދީއެއް އޮންނަ ހުރާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއު ނިމުމުން، އެ ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއާއެކު ހުރާގެ ސިއްހީ ހިދުމަތް އިތުރަށް ފުޅާވެ، އާންމު ސިއްހީ ފަރުވާ ހޯދުމުގައި ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކަށް ހައްލެއް ލިބޭނެ ކަމަށެވެ.