ޚަބަރު
މިފްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން ފަރުޙަތު ޝަޙީރު އިސްތިއުފާ ދެއްވައިފި
ފަރުޙަތު ޝަޙީރު ފޮޓޯ:
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) ކަމުގެ މަޤާމުން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަޙީރު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ފަރުޙަތު ޝަޙީރު މަޤާމުން އިސްތިއުފާ ދެއްވަން ނިންމަވައި، އެކަން މިހާރު ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާކަން ޕީއެސްއެމް ނިއުސްއަށް ވަނީ ކަށަވަރުވެފައެވެ. ނަމަވެސް، އޭނާ މަޤާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.
މިފްކޯގެ ސީއީއޯގެ މަޤާމާ ފަރުޙަތު ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އޭނާ މި މަޤާމުން އިސްތިއުފާ މި ދެއްވީ ގާތްގަނޑަކަށް އަހަރަކަށްވުރެ ގިނަ ދުވަހު އެ ކުންފުނީގެ އިސްވެރިއެއްގެ ގޮތުގައި ޚިދުމަތް ކުރެއްވުމަށްފަހުގައެވެ.
އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ ، އިސްތިއުފާ ޤަބޫލުކޮށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޑެޓްއިން ވަނީ މިއަދުން ފެށިގެން އެމަޤާމުން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަޙީރު ވަކިކޮށްފައެވެ.
ފަރުޙަތަކީ މީގެ ކުރިން ދިވެހި އަސްކަރިއްޔާގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައި، ބްރިގޭޑިއަރ ޖެނެރަލްގެ ރޭންކުގައި ރިޓަޔަރ ކުރައްވާފައިވާ ބޭފުޅެކެވެ. މިފްކޯއާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް އޭނާ ވަނީ ދައުލަތުގެ އެކި މަޤާމުތައް ފުރުއްވާފައެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޑެޓް - މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު މަޤާމުން ވަކިކުރުން pic.twitter.com/EPQy0AuOsS
— Privatization & Corporatization Board (@pcb_gov) April 12, 2026