ޚަބަރު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިޞްލާޙުކުރަނީ
ހުޅުމާލެ ފޭސް 2 ގައި ހަދާފައިވާ ފްލެޓްތައް ފޮޓޯ: އެޑިޝަން
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިޞްލާޙުކުރުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވައިފިއެވެ.
މިކަން ހާމަކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "އާޢިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ޝަރުޠުތައް އިސްލާޙުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.
މި އިޞްލާޙާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ "ޚާއްސަ ކެޓަގަރީ" އިން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާއިރު، އެފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށްވެސް ފޯމު ހުށަހެޅުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ވަކިން ފޯމު ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 1 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، މި ފުރުޞަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.
އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ކެޓަގަރީން ފްލެޓަށް އެދޭ ފަރާތްތަކަކީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ވާންޖެހޭނެއެވެ. އަދި އެކަން ސާބިތުކުރުމަށް އެންސްޕާއިން ދޫކޮށްފައިވާ ކާޑުގެ ކޮޕީ ހުށަހަޅަންޖެހެއެވެ.
މީގެ ކުރިން އޮތް އުސޫލަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަމަށް ޝަރުތު ހަމަވުމަށް ބަލާ މުއްދަތު ވަނީ ކުޑަކޮށްދީފައެވެ. އެގޮތުން:
މާލޭ ސަރަހައްދުގައި މެދުނުކެނޑި 5 އަހަރު ދިރިއުޅެފައިވާ ފަރާތްތަކަށް ކުރިމަތިލެވޭނެއެވެ.
ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން މާލެއަށް ބަދަލުވާންޖެހޭ ފަރާތްތަކަށް، ވޭތުވެދިޔަ 1 އަހަރު މާލޭގައި ފަރުވާ ހޯދާފައިވާނަމަ މި ކެޓަގަރީއަށް ހުށަހެޅޭނެއެވެ.
ސަރުކާރުގެ މި ނިންމުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމުގައި ލުއިފަސޭހަ މަގުތަކެއް ކޮށައިދިނުމަށް ނިންމި ނިންމުމެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.