ޚަބަރު
"މޯލްޑިވްސް 2.0" މަގުޗާޓު ތަންފީޒުކުރުމަށް ޕްރައިވެޓް ސެކްޓަރާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ
މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓް ފޮޓޯ:މޯލްޑިވްސް 2.0
ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު "މޯލްޑިވްސް 2.0" ގެ މަގުޗާޓު ތަންފީޒުކުރުމުގައި އަމިއްލަ ފަރާތްތަކުގެ ނުވަތަ ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކުރުމަށް ބާއްވާ ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް މިމަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
"ކޯ-ކްރިއޭޓިންގް ޕިލަރ 8 ޕްރައިވެޓް ސެކްޓަރ ޑައިލޯގް" ގެ ނަމުގައި ބާއްވާ މި ބައްދަލުވުމަކީ "މޯލްޑިވްސް 2.0" މަގުޗާޓުގެ އަށްވަނަ ތަނބު ކަމަށްވާ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމާއި އީޖާދީ މަސައްކަތްތަކަށް ޚާއްޞަކޮށްގެން ބާއްވާ ހަރަކާތެކެވެ. ދައުލަތުން ދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިއީ އައި.ސީ.ޓީ އެކޯސިސްޓަމް ތަރައްޤީކޮށް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި މަޝްވަރާ ބައްދަލުވުމަކީ މައިންޑްކޯ އާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި މޯލްޑިވްސް ޑިޖިޓަލް ސަރވިސް ގުޅިގެން އިންތިޒާމުކުރާ ހަރަކާތެކެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އޮފިސަރުންގެ އިތުރުން، ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ މުހިންމު ފަރާތްތަކުން ބައިވެރިވާނެއެވެ.
މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ "މޯލްޑިވްސް 2.0" މަޝްރޫޢު ތަންފީޒުކުރުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތަކާ މެދު ހުޅުވާލެވިފައިވާ މާހައުލެއްގައި މަޝްވަރާކުރުމެވެ. އަދި މި ބައްދަލުވުމުގެ ސަބަބުން، މަގުޗާޓުގައި ހިމެނޭ އެކި ހަރަކާތްތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން މި މަޝްރޫޢުގައި އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ.
ސަރުކާރުގެ އަމާޒަކީ ޤައުމީ އިސްތިރާޖީ މިސްރާބާ އެއްގޮތަށް ވަރުގަދަ ޑިޖިޓަލް އިޤްތިޞާދެއް ބިނާކުރުމެވެ. މިގޮތުން ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ވިޔަފާރިތަކާއި، އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ހުރިހާ ފަރާތްތަކަށް ނަފާވާނެހެން މަގުޗާޓުގެ މަސައްކަތްތައް ވިލަރެސްކުރުމަކީ މިފަދަ ބައްދަލުވުންތަކުން ބޭނުންވާ އެންމެ ބޮޑު ނަތީޖާއެވެ.