ޚަބަރު
ހަނގުރާމައިގެ ސަބަބުން ޙައްޖަށް މީހުން ދިއުމުގައި އެއްވެސް ހުރަހެއް ނެތް: ވަޒީރު ޝަހީމް
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ ޝަހީމް
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދިއުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ކްރައިސިސް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ދިވެހި ޙައްޖާޖީންގެ ދަތުރުގެ އެންމެހާ ކަންތައްތަކެއް ވަރަށް ފުރިހަމައަށް އިންތިޒާމްކުރެވިފައިވާ ކަމަށެވެ. އެގޮތުން ޙައްޖުވެރިންގެ ވިސާގެ ކަންކަން މިހާރު ހަމަޖެހިފައިވާ ކަމަށާއި، އެކަމަޑޭޝަނާއި ފްލައިޓުތަކުގެ ތައްޔާރީތައް ވެސް ނިމިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ދިވެހިރާއްޖޭގެ ޙައްޖުވެރިންގެ އެންމެހާ ކަންތައްތަކެއްވެސް ވަނީ ވަރަށް ފުރިހަމައަށް ނިމިފައި. ވިސާވެސް ވަނީ މިހާރު އިޝޫ ކުރެވިފައި. އަދި އެކަމަޑޭޝަނާއި، އެހެނިހެންވެސް ތައްޔާރީތައް ފްލައިޓުގެ ދަތުރުތަކާ ހުރިހާކަމެއްވެސް ވަނީ އިންތިޒާމްކުރެވިފައި." ވަޒީރު ވިދާޅުވިއެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ދިވެހި ޙައްޖުވެރިން ފުރަން ފަށާނީ އަންނަ މޭ މަހުގެ 15 ވަނަ ދުވަހުއެވެ. މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ޙައްޖުވެރިން އުފުލުމަށް ހަމަޖެހިފައިވަނީ ސައުދީ އެއާލައިނާއި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެންނެވެ. އެގޮތުން ކޮންމެ އެއާލައިނަކުން ވެސް ޙައްޖުވެރިންގެ 50 އިންސައްތަ އުފުލާނެއެވެ.
ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ތާރީޚުތަކާއި ތަފްސީލް:
• 15 މޭ: ފްލައިޓް 1 (ސައުދިއާ) - 242 މީހުން
• 17 މޭ: ފްލައިޓް 2 (މޯލްޑިވިއަން) - 250 މީހުން
• 18 މޭ: ފްލައިޓް 3 (ސައުދިއާ) - 243 މީހުން
• 19 މޭ: ފްލައިޓް 4 (މޯލްޑިވިއަން) - 250 މީހުން
ޙައްޖުގެ އެންމެހާ ތައްޔާރީތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ޙައްޖު މިޝަން އަދި ޙައްޖު ކޯޕަރޭޝަން ގުޅިގެން ވަރަށް ބާރަށް ކުރިއަށްގެންދާ ކަމަށް ވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.