Ads by Farudhun

ޚަބަރު

ލޭ ހަދިޔާކުރާ ފަރާތްތަކުގެ ރަޖިސްޓްރީ އޮންލައިންކޮށް ބަލާލެވޭނެ އެޕްލިކޭޝަނެއް ތަޢާރަފުކުރަނީ

ލޭ ހަދިޔާކުރާ ފަރާތްތަކުގެ ރަޖިސްޓްރީ އޮންލައިންކޮށް ބަލާލެވޭނެ އެޕްލިކޭޝަނެއް ތަޢާރަފުކުރަނީ

އެޑިއުކޭޝަން މިނިސްޓްރީގެ ބައެއް މުއައްޒަފުން ލޭހަދިޔާކުރަނީ ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

13 އޭޕްރީލު 2026، 11:05

13 އޭޕްރީލު 2026، 11:05

ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ރަޖިސްޓްރީ އޮންލައިންކޮށް ބަލާލެވޭގޮތް ހެދުމަށް ޚާއްސަ ވެބްސައިޓަކާއި އެޕްލިކޭޝަނެއް ތަޢާރަފުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް، ލޭގެ ޚިދުމަތާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ލިޔުމުން ފޮނުއްވެވި ޖަވާބުގައެވެ.

ޞިއްޙީ ވަޒީރު ވިދާޅުވީ، ލޭގެ ބަލިތަކަށް ޚާއްސަކުރެވިގެން ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށެވެ. އެ ވަޢުދުގެ ދަށުން ލޭގެ ޤައުމީ ޚިދުމަތުގެ ނިޒާމު ޤާއިމުކޮށް، މިހާތަނަށް ރާއްޖޭގެ 4 ސަރަހައްދެއްގައި ބްލަޑް ބޭންކު ގާއިމުކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ތެލެސީމިއާ ކުދިންނާއި ގަވާއިދުން ލޭ އަޅަންޖެހޭ ފަރާތްތަކަށް ޚިދުމަތް ދިނުމަށް 108 ރަށެއްގައި ޓްރާންސްފިއުޝަަން ސެންޓަރުތައް ގާއިމުކޮށް، ބޭނުންވާ ލެބޯޓަރީ ޓެކްނޮލޮޖިސްޓުން ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ލޭގެ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯ ގެ އެހީތެރިކަމާއެކު "ނޭޝަނަލް ބްލަޑް ސްޓޭންޑަޑް" މިހާރު އެކުލަވާލައި ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދެ އަހަރު ދުވަހުގެ މަސައްކަތުން ޑީއެޗްއައިއެސް 2 ސޮފްޓްވެއާގެ މޮޑިއުލެއް ފަރުމާކޮށް، ޓްރާންސްފިއުޝަން ސެންޓަރުތަކުގެ ތަފާސްހިސާބުތައް ވަގުތުން ބަލާލެވޭނެ ނިޒާމެއް ވަނީ ގާއިމުކޮށްފައެވެ.

އޮންލައިން ނިޒާމާ ގުޅޭގޮތުން ވަޒީރު އިތުރަށް ވިދާޅުވީ، ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ރަޖިސްޓްރީ އޮންލައިން ސިސްޓަމަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން ޑޯނަރ ރަޖިސްޓްރީއާއި ރެކްރޫޓްމަންޓް ވެބްސައިޓުގެ އިތުރުން ޚާއްސަ އެޕްލިކޭޝަނެއް މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ބޭނުންކުރަން ފެށުމަށް ވަނީ ނިންމާފައެވެ.

މި ޒަމާނީ ބަދަލާއެކު، ލޭ ހަދިޔާކުރާ ފަރާތްތަކުގެ ޤައުމީ ޑޭޓާބޭސްއެއް ވުޖޫދުވެ، ލޭގެ ގްރޫޕްތައް ލިބެން ހުރި ސަރަހައްދުތައް ފަސޭހައިން ދެނެގަނެވޭނެއެވެ. މީގެ ސަބަބުން ލޭ ހޯދުމުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450