ޚަބަރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދު 41 އަށް އިތުރުވެއްޖެ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އައު ޓަރމިނަލް ފޮޓޯ:ހޮޓެލިއަރ މޯލްޑިވްސް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބައިނަލްއަޤްވާމީ 41 އެއަރލައިނަކުން ދަތުރުކުރަމުންދާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ފާއިތުވި ޑިސެމްބަރ މަހާ އަޅާބަލާއިރު 6 އެއަރލައިންގެ އިތުރުވުމެކެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2024 ވަނަ އަހަރުގެ ޑިސެމްބަރ މަސް ނިމުނު އިރު ރާއްޖެއަށް ދަތުރުކޮށްފައިވަނީ 35 އެއަރލައިނެކެވެ. ނަމަވެސް މިހާރު ދަތުރުކުރާ 41 އެއަރލައިންގެ ތެރެއިން ގިނައީ އޭޝިއާ ސަރަޙައްދުގެ 16 އެއަރލައިނެވެ. ޔޫރަޕްގެ 13 އެއަރލައިނަކާއި، މެދުއިރުމަތީގެ 6 އެއަރލައިނަކުން ވެސް ދަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވަޒީރުންގެ ކޮމިޓީގެ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ރާއްޖެއަށް އަންނަ ޖެޓްތަކުގެ އަދަދު ވެސް ފާހަގަކޮށްލެވޭ ވަރަށް އިތުރުވަމުން ދާ ކަމަށެވެ.
މާރިޗު މަހަށް އެކަނި ކޮންޕެއަރކޮށްލިއަސް ގާތްގަނޑަކަށް %125 އިން %130 ގެ ގެނެވުނު، އެއީ ޖެޓް ހޭންޑްލިންގައި. އެއީ މާރިޗު މަހު ގާތްގަނޑަކަށް 80 ވަރަކަށް ރިކޯޑްކޮށްފައި މި ހުންނަނީ ޖެޓު ރާއްޖެއަށް އަންނަ. އެކަމަކު 190 ވަރަކަށް ޖެޓު ގެނެވުނީމަ، އެއީ ހުރިހައި މިނިސްޓްރީ ގުޅިގެން ކުރެވުނު މަސައްކަތުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ،
ވަޒީރު
ވަޒީރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ވައިގެ ދަތުރުފަތުރު ހަމައެކަނި މެދުއިރުމަތީ ފްލައިޓްތަކަށް ބަރޯސާވެ އޮތް އޮތުން ބަދަލުކޮށް، ތަފާތު ސަރަޙައްދުތަކުން ދަތުރުތައް ގެނައުމަށް ސަރުކާރުން ހަރަކާތްތެރިވަމުން ދެއެވެ. އެ މަސައްކަތުގެ ތެރެއިން އެޑުލްވައިސް، އެއަރ އޭޝިއާ، އެއަރ އިންޑިއާ، އަދި ޓާކިޝް އެއަރލައިންގެ ދަތުރުތައް ވެސް ވަނީ އިތުރުކުރެވިފައި ކަމަށް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖެއަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުނިޔޭގައި ނަން ހިނގާ، ޝައުގުވެރިކަން ބޮޑު މަންޒިލެކެވެ. ނަމަވެސް ފަހަކަށް އައިސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ބައެއް އެއަރލައިންތަކުން ރާއްޖެއަށް ދަތުރު ވަގުތީގޮތުން މެދުކަނޑާލާފައިވީ ނަމަވެސް، އެ އެއަރލައިންތަކުން އަލުން ރާއްޖެއަށް ދަތުރުތައް ފަށަމުންދާކަން ސަރުކާރުން ފާހަގަކުރައްވައެވެ. މެދުއިރުމަތީގައި ޓްރާންސިޓް ނުވެ ސީދާ ރާއްޖެއަށް އަންނަ ފްލައިޓްތައް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.