ޚަބަރު
ފްލައި ދުބާއީން ރާއްޖެއަށް ޚާއްޞަ ކާގޯ ދަތުރުތަކެއް ފަށަނީ
ފްލައި ދުބާއި ފޮޓޯ: ފްލައި ދުބާއީ
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު އެއަރލައިން، ފްލައި ދުބާއީއިން ރާއްޖެއަށް ކާގޯ ދަތުރުތަކެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި ދަތުރުތަކާ ގުޅޭގޮތުން ފްލައި ދުބާއީގެ ރާއްޖޭގެ އޭޖެންޓް، އޭސް އޭވިއޭޝަން ސަރވިސްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފިރާގު ވިދާޅުވީ، މިއީ މަތިންދާބޯޓުގެ ކެބިންއަށް މުދާ ބަރުކޮށްގެން ކުރާ "ކާގޯ އިން ކެބިން" ދަތުރުތަކެއް ކަމަށެވެ. މިއީ އާންމުކޮށް ކުރާ ބާވަތުގެ ދަތުރުތަކެއް ނޫން ނަމަވެސް، ކޯވިޑް-19 ގެ ދުވަސްވަރު ބައެއް އެއަރލައިންތަކުން ރާއްޖެއަށް މިފަދަ ދަތުރުތައް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ފްލައި ދުބާއީގެ މި ކާގޯ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ދުބާއީގެ އަލް މަޚުތޫމް އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ތާވަލުގައިވާ ގޮތުން މި ދަތުރުތައް މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މި ދަތުރުތަކަކީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދުގެ އިސްނެންގެވުމުގެ ދަށުން، ރާއްޖެއަށް މުދާ ގެނައުމަށް ކުރެވޭ މަސައްކަތްތަކުގެ ބައެކެވެ. ވަޒީރު ސައީދު ވިދާޅުވީ، ސްރީލަންކާގެ ބަނދަރުގައި ތާށިވެފައި ހުރި ރާއްޖޭގެ ކޮންޓެއިނަރުތައް ކްލިއާކޮށް، ރާއްޖެއަށް ގެނައުމުގެ މަސައްކަތް ބާރުގަބުގައި ކުރިއަށްދާ ކަމަށެވެ.
އެގޮތުން، މި މަހުގެ 8 ވަނަ ދުވަހާ ހަމައަށް ލަންކާ ބަނދަރުގައި 4,241 ކޮންޓެއިނަރު ތާށިވެފައި ހުރި ނަމަވެސް، ސަރުކާރުން ކުރި މަސައްކަތުން މިހާރު އެ އަދަދު 1,741 އަށް ދަށްކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ކަނޑުމަގުންނާއި ވައިގެމަގުން ރާއްޖެއަށް މުދާ ގެނައުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރައްވަމުންނެވެ.