ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ނޫސްވެރިންގެ ބައްދަލުވުންތައް އުޞޫލުގެ މަތިން ގަވާއިދުން ކުރިއަށްދާނެ: ހީނާ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތައް، ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ގަވާއިދުން ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ތަރުޖަމާނު ހީނާ ވަލީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ގަވާއިދުން ނޫސްވެރިންނާ ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ. މިދިޔަ މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ބައްދަލުވުންތައް ކުރިއަށް އޮތް ތަނުގައިވެސް އެ އުސޫލުގެ ތެރެއިން ކުރިއަށްދާނެ ކަމަށް އޭނާ ޔަގީންކޮށްދެއްވިއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް އިޢުލާނު ކުރައްވާފައެވެ. ނަމަވެސް، މި ބައްދަލުވުންތައް މެދުކަނޑާލަންޖެހޭ ނުވަތަ ޝެޑިއުލަށް ބަދަލު އަތުވެދާނެ ހާއްސަ ހާލަތްތަކެއްވެސް އެމަނިކުފާނު އޭރު ވަނީ ހިއްސާކުރައްވާފައެވެ.
އޭގެ ތެރޭގައި ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމާއި، ރައީސުލްޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގައި އުޅުއްވުމުގެ އިތުރުން، އެކި ސަބަބުތަކާ ހުރެ ޝެޑިއުލަށް ބަދަލު އަންނަ ހާލަތްތައް ހިމެނެއެވެ. މި ނޫން ހާލަތްތަކުގައި، ކަނޑައެޅިފައިވާ ވަގުތުގައި ބައްދަލުވުންތައް ބާއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ހީނާ ވަލީދު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ހަފްތާތަކުގައިވެސް މި އުސޫލާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރައްވަމުން ގެންދަވާނެއެވެ.
މިހާތަނަށް މި އުސޫލުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ނޫސްވެރިންނާ 3 ފަހަރަށް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކަކީ ސަރުކާރުގެ މުހިންމު ސިޔާސަތުތަކާއި، ގައުމުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ނޫސްވެރިން ކުރާ ސުވާލުތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމަށް ހުޅުވާލެވިފައިވާ މުހިންމު ފުރުޞަތެކެވެ.