ޚަބަރު
ފޯޅަވަހި މޮރިޝަސްއަށް ދިނުން މަޑުޖައްސާލުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފި
ފޯޅަވަހި ފޮޓޯ: ސީއެންއެން
އިނގިރޭސިވިލާތުގެ ބެލުމުގެ ދަށުގައި އޮތް ފޯޅަވަހީގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލަން އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.
މި ނިންމުމާ ގުޅިގެން ދިވެހި ސަރުކާރުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ދިނުމާ ގުޅޭ މަޝްވަރާތަކަށް ފުރުސަތު ލިބިގެންދިޔަ މުހިންމު ނިންމުމެއް ކަމަށެވެ. އަދި މި މައްސަލައިގައި ހަމަހަމަކޮށް އަމަލުކޮށް، ރާއްޖޭގެ ޙައްގުތައް ކަށަވަރުކުރުމަށާއި އިންޑިއާ ކަނޑުގެ ހަމަޖެހުން ޤާއިމުކުރުމަށް ސަރުކާރުން ވަނީ ގޮވާލައްވާފައެވެ.
މި ބަޔާނުގައި ރާއްޖޭން ވަނީ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮތްކަން ފާހަގަކުރައްވައި، އެ ރަށްތައް ލިބުން އެންމެ ޙައްގީ ރާއްޖެއަށްކަން ހާމަކުރައްވާފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މޮރިޝަސްގެ ވެރިރަށް ޕޯޓް ލުއީ އާއި ފޯޅަވައްސާ ދެމެދު 1،300 އެއްހާ މޭލު ހުރި ނަމަވެސް، ރާއްޖޭގެ ވެރިރަށް މާލެއާއި ފޯޅަވައްސާ ދެމެދު ހުރީ އެންމެ 310 މޭލެވެ.
އިނގިރޭސިވިލާތުން މި ނިންމުން ނިންމާފައިވަނީ، ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމާ ގުޅޭ ބިލެއް އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ މަތީގެ، ހައުސް އޮފް ލޯޑްސްއަށް ހުށަހަޅާފައި ވަނިކޮށެވެ. މި ބިލުގެ ބަހުސް މަޑުޖައްސާލަން ނިންމީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމާ ފާޅުގައި ދެކޮޅު ހައްދަވައި ފާޑުވިދާޅުވުމާ ގުޅިގެންނެވެ. އަދި ކުރިއަށް އޮތް ދައުރުގެ ބިލުތަކުގެ ތެރޭގައިވެސް މި ބިލު ހިމަނާފައެއް ނުވެއެވެ.
ފޯޅަވަހީގެ މައްޗަށް ރާއްޖޭގެ ޙައްގު އޮތްކަން ސާބިތުކޮށްދޭ ތާރީޚީ ގިނަ ހެކިތަކެއް އެބަހުއްޓެވެ. ފޯޅަވަހީން ފެނިފައިވާ ދިވެހިބަހުން ލިޔެފައިވާ މަހާނަގާތަކަކީ ރާއްޖޭގެ އެހެން ރަށްތަކުން ފެންނަ ގާތަކާ އެއްފަދަ، ޒަމާންވީ ގުޅުމުގެ ހެކިތަކެވެ. މީގެ އިތުރުން، 16 ވަނަ ގަރުނުގެ ދިވެހި ރަސްކަލެއްގެ ފަތްކޮޅެއްގައި ފޯޅަވަހީގެ މައްޗަށް ދިވެހި ދައުލަތުގެ ބާރު އޮތްކަން ބަޔާންކޮށްފައިވެއެވެ. މިއީ މޮރިޝަސްގައި އިންސާނުން އާބާދުވުމުގެ 100 އަހަރަށްވުރެ ކުރީގެ ތާރީޚެކެވެ.
އާސާރީ އަދި ސައިންޓިފިކް ހެކިތަކުން ދައްކާގޮތުގައި، 1970ގެ އަހަރުތަކުގައި އެ ރަށްތަކުން ބޭރުކޮށްލި އަސްލު ވަޒަންވެރިންގެ ޑީ.އެން.އޭއިންވެސް އެމީހުންގެ ކިބައިގައި ދިވެހި ނަސްލުގެ ހިއްސާ އޮތްކަން ވަނީ ކަށަވަރުވެފައެވެ. މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް، ދިވެހި ސަރުކާރުން ދަނީ ފޯޅަވަހީގެ މައްސަލައިގައި ރާއްޖޭގެ ސިޔާދަތީ ބާރު ކަށަވަރުކުރުމަށް ބައިނަލްއަޤުވާމީ މައިދާނުގައި ވަކާލާތު ކުރަމުންނެވެ.