ޚަބަރު
ރާޅުގަނޑު ސާފިން ސްޓޭޑިއަމްގެ މަސައްކަތް މިމަހު ފަށަނީ، މަސައްކަތް ލަސްވީ ފަރުމާއަށް ގެނައި ބަދަލުތަކާއެކު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
މާލޭ ރާޅުގަނޑު ސަރަހައްދުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ސާފިން ސްޓޭޑިއަމްގެ އަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފެށޭނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި މަޝްރޫޢުގެ މަސައްކަތް ފެށުން ލަސްވެގެންދިޔައީ އެތަނުގެ ބޮޑުމިނާއި އިމާރާތުގެ އޮނިގަނޑު ކޮންކްރީޓަށް ބަދަލުކޮށް، އަލުން ކުރެހުމަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން ކަމަށެވެ. މިގޮތުން، އެތަނުގެ ބޮޑުމިނަށް މިހާރު ވަނީ 50 ފޫޓު އިތުރުކޮށްފައެވެ.
ކުރިން މި ސްޓޭޑިއަމް އެޅުމަށް ނިންމާފައި އޮތީ "ޕްރީ ފެބްރިކޭޓެޑް" ސްޓްރަކްޗާއަކަށެވެ. ނަމަވެސް، ސާފިން އެސޯސިއޭޝަނާއި، މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަންގެ އިތުރުން ޓެކްނިކަލް ބޭފުޅުންގެ ލަފާގެ މަތިން މިހާރު ވަނީ ކޮންކްރީޓް އޮނިގަނޑަކަށް ބަދަލުކޮށްފައެވެ. ވަޒީރު ވިދާޅުވީ ލޮނުގެ އަސަރު ބޮޑު ސަރަހައްދަކަށް ވުމުން، "ޕްރީ ފެބްރިކޭޓެޑް" ކޮށް ހަދައިފިނަމަ މެއިންޓަނަންސަށް ހިނގާ ހަރަދު ބޮޑުވާނެތީ، ކޮންކްރީޓަށް ބަދަލުކުރުމަކީ ގިނަދުވަހަށް ދެމިގެންދާނެ އަދި ހަރަދު ކުޑަވާނެ ގޮތެއް ކަމަށެވެ.
ސާފިން ސްޓޭޑިއަމްގެ މަސައްކަތް ފެށުން ލަސްވީ ކުރީގައި ޑިޒައިން ކުރިވަރަށްވުރެ ބޮޑުކޮށްފައި އަދި ކޮންކްރިޓް ސްޓްރަކްޗައަކަށް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި. އެހެންނަމަވެސް މިހާރު އެވަނީ ހަމަ އެ ކޮންޓްރެކްޓަރ އާއި މަޝްރޫއު ހަވާލުކުރެވިފައި. އަދި ނިންމަން ޖެހޭ ތާރީހަކަށްވެސް ބަދަލެއް ނާދޭ. އަޅުގަނޑު އުންމީދުކުރަނީ ހަމަ މި މަސްތެރޭގައި މަސައްކަތް ފެށިގެންދާނެ ކަމަށް،
ވަޒީރު
މި މަޝްރޫޢު ތަރައްޤީކުރުމަށް ޗައިނާގެ ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 18 އޭޕްރީލް 2024 ގައެވެ. އަދި މި މަސައްކަތަށްޓަކައި އެ ސަރަހައްދުގައި ހުރި ބްރިޖް ވިއު ޕްލެޓްފޯމް ރޫޅާލުމުގެ މަސައްކަތް 25 ނޮވެމްބަރު 2024 ގައި ވަނީ ފަށާފައެވެ.
މި ސްޓޭޑިއަމް ފަރުމާކޮށްފައިވަނީ ބައިނަލްއަގުވާމީ މުބާރާތްތަކަށް ބޭނުންވާނެ ހުރިހާ ޒަމާނީ ވަސީލަތްތަކާއެކުގައެވެ. އޭގެ ތެރޭގައި ކުޅިބަލާ މީހުންނަށް ހާއްސަ ސަރަހައްދަކާއި، ރޮސްޓްރަމް، މީޑިއާ ސަރަޙައްދު، ކޮމެންޓަރީ ބޮކްސް، ކެމެރާ ޑެކް، ޖިމް، މަލްޓިޕާޕަސް ހޯލް އަދި ކޮންފަރަންސް ރޫމް ހިމެނެއެވެ.
މި މަޝްރޫޢު ނިމުމުން، ރާއްޖޭގެ ރާޅާއެޅުންތެރިންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ވަސީލަތްތައް ލިބި، ރާއްޖޭގައި މިފަދަ ބޮޑެތި މުބާރާތްތައް ބޭއްވުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.