ޚަބަރު
ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދަނީ ދޭ ވޯޓަކަށް ބަލައިގެން ނޫން: މިނިސްޓަރު މުއްޠަލިބް
މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް
ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދެނީ އެ ބަޔަކު ދޭ ވޯޓަކަށް ބަލައިގެން ނޫން ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގައި އިދިކޮޅު ކައުންސިލަރުން އިންތިޚާބުވި ރަށްރަށުގެ މަޝްރޫއުތައް ސަރުކާރުން ކުރިއަށްގެންދާނެތޯ މެންބަރުން ސުވާލުކުރެއްވުމުން، ވަޒީރު ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.
މި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިންތިޚާބުތަކުގެ ނަތީޖާއަކަށް ސަރުކާރުން ނުބަލާނެ ކަމަށާއި، ހުރިހާ ރަށެއްގައިވެސް ފަށާފައިވާ މަސައްކަތްތައް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކައުންސިލް އިންތިޚާބުގައި ގާދިއްފުށި ކައުންސިލްގެ މެޖޯރިޓީ އިދިކޮޅަށް ލިބުމާ ގުޅިގެން އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެކެވެ. އަދި މިހާރުވެސް އެ ރަށުގެ މަޝްރޫއު ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ ވިސްނުމަކީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދޭނީ ރައްޔިތުންދޭ ވޯޓަކަށް ނޫނޭ ކޮންމެހެނެއް. ސަރުކާރުން ކޮމިޓްމަންޓް ވެއްޖެއްޔާ އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރިއަށްގެންގޮސްދޭނަން،
ޑރ. މުއްޠަލިބް
މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ބައެއް ރަށްރަށުގެ ކައުންސިލްތަކުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން މަސައްކަތްތަކަށް ބުރޫއަރާ ކަމަށެވެ. އެގޮތުން މާލޭގެ ބޭރު މަގު ހެދުމާއި، އައު މާރުކޭޓު އެޅުމުގެ މަސައްކަތުގައި މާލެ ސިޓީ ކައުންސިލްގެ އެއްބާރުލުން އެދެވޭ ގޮތެއްގައި ނުލިބޭތީ ހުރަސްތަކެއް ކުރިމަތިވެފައިވާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތަކުގައި ކައުންސިލްތަކުންވެސް އެ ފަރާތްތަކުގެ ޒިންމާ އަދާކޮށް، ސަރުކާރަށް އެ ފުރުސަތު ފަހިކޮށްދިނުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.