ވިޔަފާރި / ޚަބަރު
ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަންގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ވިޔަފާރިވެރިންނަށް ހުޅުވާލައިފި
ދިވެއްސަކު އުފައްދާފައިވާ ތަކެތި--
ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި ބޭއްވުމަށް ހަމަޖެހިފައިވާ 10 ވަނަ ޗައިނާ ސައުތު-އޭޝިއާ (ސީ.އެސް.އޭ) އެކްސްޕޮޒިޝަންގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ވިޔަފާރިވެރިންނަށާއި އުފެއްދުންތެރިންނަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ހުޅުވާލައިފިއެވެ.
މި އަހަރުގެ ޖޫން މަހުގެ 11 އިން 16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯގައި ބައިވެރިވުމުގެ ދައުވަތު ޗައިނާ ސަރުކާރުން މިނިސްޓްރީއަށް އަރުވާފައިވާއިރު، އެހެން އަހަރުތަކެކޭވެސް އެއްފަދައިން، މި އަހަރުގެ އެކްސްޕޯގައި ވެސް ދިވެހި އުފެއްދުންތައް ބައިނަލްއަޤްވާމީ މައިދާނުގައި ދައްކާލުމުގެ ފުރުޞަތާއި، އުފެއްދުންތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ތަކެތި ވިއްކުމުގެ ފުރުޞަތު ދިވެހި ވިޔަފާރިތަކަށް ލިބިގެންދާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
ސީ.އެސް.އޭ އެކްސްޕޯ އަކީ، ޗައިނާގެ އިތުރުން ދުނިޔޭގެ އެކި ޤައުމުތަކުގެ ވިޔަފާރިތަކުން ބައިވެރިވާ އަދި ގިނަ އަދަދެއްގެ އާންމުން ޒިޔާރަތްކުރާ ބޮޑު އެކްސްޕޯއެކެވެ. މި އެކްސްޕޯގެ ތެރެއިން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށްޓަކައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި އާ އުފެއްދުންތައް ތައާރަފުކުރުމަށް ބާއްވާ ޕްރޮޑަކްޓް ލޯންޗް ސެރެމަނީތަކާއި، ޕްރޮކިއުމަންޓް މެޗްމޭކިންގ ބައްދަލުވުންތަކުގެ އިތުރުން ފުޑް ކާނިވަލް ފަދަ ހަރަކާތްތައް ހިމެނެއެވެ.

މިނިސްޓްރީން ފާހަގަކުރާ ގޮތުގައި، މިއީ ރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ ތަފާތު އުފެއްދުންތައް ބައިނަލްއަޤްވާމީ މާކެޓުގައި އިޝްތިހާރުކޮށް، މާކެޓް ފުޅާކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ. އެހެންކަމުން، މި އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 28 އޭޕްރިލް 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް މަޢުލޫމާތު ފޮނުވުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
މި އެކްސްޕޯގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ހަމަޖައްސައިދޭނީ، ދިވެހިރާއްޖެއަށް އެކްސްޕޯއިން ލިބޭ ބޫތުތަކުގެ އަދަދަށް ބަލައިގެން ކަމަށްވެސް މިނިސްޓްރީގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.