ޚަބަރު
އަންނަ މަހު މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ދަތުރުތައް ފަށަނީ
މޯލްޑިވިއަންގެ ފްލައިޓެއް ފޮޓޯ: މޯލްޑިވިއަން
ގައުމީ އެއާލައިން، މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ކުރާ ސީދާ ދަތުރުތައް އަންނަ މޭ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިއްޖެއެވެ. މިއީ ރާއްޖޭގެ ގައުމީ އެއާލައިނުން އޮސްޓްރޭލިއާއަށް ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ.
މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އޮސްޓްރޭލިއާގެ މެލްބާންއަށް ކުރާ މި ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މޭ މަހުގެ 17 ވަނަ ދުވަހުއެވެ. މިގޮތުން މޭ 17 ގައި ރާއްޖެއިން ފުރާ ފްލައިޓް، އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އެ މަހުގެ 19 ވަނަ ދުވަހުއެވެ.
މޯލްޑިވިއަނުން ބުނީ ފުރަތަމަ މަރުހަލާގައި ހަފުތާއަކު އެއް ދަތުރު ބޭއްވުމަށް ނިންމާފައިވީ ނަމަވެސް، ކަސްޓަމަރުންގެ ޑިމާންޑަށް ބަލައި ދަތުރުތައް އިތުރުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. މި ދަތުރުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރުކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ވައިގެ ސީދާ ދަތުރުތައް ބޭއްވުމުގެ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 19 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑުގެ ޗެއާމަން އަބްދުލް ހާރިސްއެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އިންޓަނޭޝަނަލް އޭވިއޭޝަންގެ އެސިސްޓަންޓް ސެކްރެޓަރީ ޖިމް ވޯލްފްއެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް "ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް" އިތުރަށް ހަރުދަނާކޮށް، ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އޮސްޓްރޭލިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓެކެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ދެ މަސްދުވަހުގެ ތެރޭގައި އެ ގައުމުން 6,526 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 1.4 އިންސައްތައިގެ ކުރިއެރުމެކެވެ. މޯލްޑިވިއަންގެ މި ދަތުރުތަކާއެކު އޮސްޓްރޭލިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.