ކުޅިވަރު
ޗެމްޕިއަންސް ލީގު: ފަހު ވަގުތު ކާމިޔާބުކުރި ދެ ގޯލާއެކު ބެޔާންއިން ރެއާލް ކަޓުވާލައިފި
މެޗު ނިމެނިކޮށް ބެޔާނަށް ނަތީޖާ ހަމަހަމަކޮށްދިނުމަށްފަހު ލުއިޒް ދިއާޒް އުފާފާޅުކުރަނީ / ފޮޓޯ: ރޮއިޓާސް
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ފަހު ވަގުތު ބެޔާން މިއުނިކް ކާމިޔާބުކުރި ދެ ގޯލާއެކު އެ ޓީމުން 6-4ގެ އެގްރިގޭޓު ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ، އެންމެ ގިނަ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ރެއާލް 3-2އިން ކުރީގައި އޮވެގެނެވެ. ނަމަވެސް އެ ޓީމަށް ހިތްދަތިކަން ގެނުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށްވެފައި ވަނިކޮށް ކާމިޔާބުކުރި ގޯލަކުންނާއި، އިތުރު ވަގުތު ކާމިޔާބުކުރި ގޯލަކުންނެވެ.
މި މެޗުގައި ރެއާލްއިން ތިން ފަހަރެއްގެ މަތިން ލީޑު ނަގާފައޮ ވެއެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ބެޔާންއިން ފަހަތުން އަރާ ހަމަހަމަކުރެއެވެ.
އެގޮތުން ރެއާލް ފުރަތަމަ ފަހަރަށް ލީޑު ނެގީ އާރދާ ގޫލާގެ ގޯލަކުން މެޗުގެ ފުރަތަމަ މިނެޓުގައެވެ. އޭގެ 5 މިނެޓު ފަހުން އެލެކްސެންޑަރ ޕެވްލޮވިޗް ބެޔާނަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައި ވަނިކޮށް، މެޗުގައި ދެވަނަ ފަހަރަށް ވެސް ރެއާލަށް ލީޑު ނަގައިދިނީ ގޫލާއެވެ. އެއީ 29 ވަނަ މިނެޓުގައެވެ. އަދި ހެރީ ކޭންގެ ގޯލަކުން ބެޔާންއިން އަނެއްކާ ވެސް ނަތީޖާ ހަމަހަމަކުރި ނަމަވެސް، އެ ހާފު ނިންމާލީ ކީލިއަން އެމްބައްޕޭ ހާފު ނިމެން 3 މިނެޓަށްވެފައި ވަނިކޮށް ކާމިޔާބުކުރި ގޯލާއެކު ލީޑުގައެވެ.
މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށް ރެއާލްގެ ކަމަވިންގާއަށް ދެވަނަ ރީނދުލަކާއެކު ރަތްކާޑެއް ދެއްކުމުން، އެކަމުގެ ފައިދާ ނެގުމަށް ބެޔާނަށް ބޭނުންވީ އެންމެ 3 މިނެޓެވެ. އެގޮތުން 89ވަނަ މިނެޓުގައި ލުއިޒް ދިއާޒްގެ ގޯލަކުން ނަތީޖާ ހަމަހަމަކުރުމަށްފަހު، މެޗުން މޮޅުވި ގޯލު އިތުރު ވަގުތުގެ 4ވަނަ މިނެޓުގައި ކާމިޔާބުކުރީ މައިކަލް އޮލީސޭއެވެ.
މުބާރާތުގެ ސެމީގައި ބެޔާން ނިކުންނަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން އާސެނަލް ވެސް ވަނީ ޖާގަ ހޯދާފައެވެ. އެ ޓީމުން ސްޕޯޓިންއާ ދެކޮޅަށް ކުޅުނު މެޗު 0-0އިން އެއްވަރުވެފައިވީ ނަމަވެސް، ސެމީގެ ޖާގަ ލިބުނީ ފުރަތަމަ ލެގު 1-0އިން ކާމިޔާބުކޮށްފައި ވުމުންނެވެ. ސެމީގައި އާސެނަލް ބައްދަލުކުރަން ޖެހޭނީ ބާސެލޯނާ ކަޓުވާލުމަށްފަހު ސެމީއަށް ދަތުރުކުރި އެތުލެޓިކޯ މެޑްރިޑާއެވެ.