ޚަބަރު / ރިޕޯޓް
އައިޖީއެމްއެޗްގެ "ބައިލެޓަރަލް ޓޯޓަލް ހިޕް ރިޕްލޭސްމަންޓް" ސަރޖަރީގެ ތަޖުރިބާ : ޔާސިންގެ އިތުބާރު ރާއްޖޭގެ ސިއްހީ ނިޒާމަށް!
މުހައްމަދު ޔާސިން ޒާދީ ފޮޓޯ: އައިޖީއެމްއެޗް ވީޑިއޯ އެސްއެސް
ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ދިއުމަކީ ދިވެހިންގެ މެދުގައި އަބަދުވެސް ކުރަމުންއަންނަ ކަމެކެވެ. ނަމަވެސް، ރާއްޖޭގެ ސިއްހީ ނިޒާމަށް އަންނަމުންދާ ޒަމާނީ ކުރިއެރުންތަކާއެކު، މިއަދު މި އޮތީ އެ މަންޒަރު ބަދަލުވާން ފަށާފައެވެ. މީގެ އެންމެ ފުރިހަމަ އެއް މިސާލަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން "ބައިލެޓަރަލް ޓޯޓަލް ހިޕް ރިޕްލޭސްމަންޓް" ނުވަތަ އުނަގަނޑުގެ ދެހުޅު އެއްފަހަރާ ބަދަލުކުރުމުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ފުރިހަމަކުރި މުހައްމަދު ޔާސިން ޒާދީގެ ތަޖުރިބާއެވެ. މިއީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މުހައްމަދު ޔާސިންގެ ބަލި ހާލަތު އެންމެ ފުރަތަމަ އެނގުނީ އޭނާ އިންޑިއާގެ މުމްބާއީގައި ހުއްޓައެވެ. އޭރު އޭނާ ދިޔައީ މިކަމަށް އޮތް އެކި ފަރުވާތައް ބަލަމުންނެވެ. ނަމަވެސް، އުނަގަނޑުގެ ދެހުޅު ބަދަލުކުރަން ޖެހިފައިވާކަން އެނގުމުން، އޭނާ އިހުތިޔާރުކުރީ ރާއްޖޭގެ އައިޖީއެމްއެޗެވެ. އައިޖީއެމްއެޗް އިހުތިޔާރުކުރި އެންމެ ބޮޑު ސަބަބަކީ އާސަންދައިގެ ދަށުން ހުރިހާ ޚަރަދެއް ހަމަޖެހިގެން ދިއުމާއި، މިފަދަ ބޮޑު އޮޕަރޭޝަނެއް ކުރާއިރު އާއިލާގެ ގާތުގައި ހުރެވުމުގެ މުހިންމުކަމެވެ.
ޔާސިން ފުރަތަމަ މަޝްވަރާކުރީ އައިޖީއެމްއެޗްގެ ކަށީގެ ޚާއްޞަ ޑޮކްޓަރު، ޑރ. ހުސެން ފައިސަލްއާއެވެ. ޑޮކްޓަރު ވިދާޅުވި ގޮތުގައި ޔާސިންގެ ހާލަތު އޮތީ ހަތަރުވަނަ ސްޓޭޖުގައެވެ. އެހެންކަމުން، މިއީ ވަރަށް އަވަހަށް ކުރަންޖެހިފައިވާ "އިމަޖެންސީ" އޮޕަރޭޝަނެއްކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ.
އޮޕަރޭޝަންގެ ތަޖުރިބާ ހިއްސާކުރަމުން ޔާސިން ބުނީ، ހޭނެއްތުމުގެ ކަންކަން ކުރިއަށްދިޔައިރު އެއްވެސް ވަރަކަށް ތަދު އިހުސާސްނުވާ ކަމަށެވެ. އޮޕަރޭޝަނަށްފަހު ފުރަތަމަ ދުވަހު ކޮންމެސް ވަރެއްގެ ތަދެއް ހުރި ނަމަވެސް، ރިކަވަރީގެ ކަންކަން ދިޔައީ ހީކުރި ވަރަށްވުރެ މާ އަވަހަށެވެ. އޮޕަރޭޝަން ކުރިތާ އެންމެ 10 ދުވަސް ތެރޭގައި އެއްވެސް އެހީތެރިކަމަކާ ނުލާ އޭނާ ހިނގަން ފެށުމަކީ ލިބުނު ބޮޑު އުފަލެކެވެ.
ޔާސިންގެ މި ދަތުރުގައި އައިޖީއެމްއެޗްގެ ނަރުހުންނާއި ޑޮކްޓަރުންގެ ފަރާތުން ލިބުނު އަޅާލުން އޭނާ ވަރަށް ބޮޑަށް ފާހަގަކުރިއެވެ. "އާފްޓާ ކެއާ" ނުވަތަ އޮޕަރޭޝަނަށްފަހު ދޭ ފަރުވާ ވަރަށް ފުރިހަމަ ކަމަށާއި، ދަންވަރުގެ ވަގުތެއްގައިވެސް މައްސަލައެއް ދިމާވެއްޖެނަމަ ޑޮކްޓަރުން ވަގުތުން އެކަމަށް ހައްލު ހޯދައިދޭކަން އޭނާ ފާހަގަކުރިއެވެ. މިކަމާ މެދު ޔާސިންގެ އިތުރުން އޭނާގެ އާއިލާވެސް ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.
މިއަދު ޔާސިންގެ ހާލަތު ވަރަށް ރަނގަޅެވެ. އޭނާ ބުނާ ގޮތުގައި މިއީ ހީކުރި ވަރަށްވުރެ މާ ރަނގަޅު ތަޖުރިބާއެކެވެ. މި ކާމިޔާބީއަށްޓަކައި ﷲ ސުބުހާނަހޫ ވަތައާލާއަށް ޝުކުރުވެރިވަމުން، ޔާސިން ވަނީ އައިޖީއެމްއެޗްގެ މެނޭޖްމަންޓަށާއި، އޭނާއަށް ފަރުވާދިން ޑޮކްޓަރުންނާއި ނަރުހުންނަށް އިޚްލާޞްތެރި ޝުކުރެއް އަދާކޮށްފައެވެ.
އައިޖީއެމްއެޗްގެ ކަށީގެ ބަލިތަކާ ބެހޭ ޑިޕާޓްމަންޓަކީ މިއަދު އެންމެ ބޮޑަށް ތަރައްގީވެފައިވާ އެއް ޑިޕާޓްމަންޓެވެ. މިހާރު މި ޑިޕާޓްމަންޓުގައި ދިވެހި 5 ސްޕެޝަލިސްޓުންނާއި، ބޭރުގެ މެޑިކަލް އޮފިސަރުންގެ ޓީމަކުން އަންނަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފަރުވާ ދެމުންނެވެ. އެގޮތުން ސްޕައިން ޑިސްއޯޑަރސް، ޕީޑިއަޓްރިކް އޯތޮޕީޑިކްސް، ސްޕޯޓްސް މެޑިސިން، ޖޮއިންޓް ރިޕްލޭސްމަންޓް އަދި ޓްރޯމާ ފަދަ ސަބް-ސްޕެޝަލިޓީތަކުން ޚިދުމަތް ލިބެން ހުރެއެވެ.
އައިޖީއެމްއެޗުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި އެކި ބާވަތުގެ އޮޕަރޭޝަންތަކާއި، ކްލިނިކްތަކުގެ ޚިދުމަތް ހިމެނެއެވެ. މީގެ ތެރޭގައި ކަކުލާއި އުނަގަނޑުގެ ހުޅު ބަދަލުކުރުމާއި ، މައިބަދައިގެ އޮޕަރޭޝަންތަކާއި، ކުޅިވަރުގެ އަނިޔާތަކަށް ދޭ ފަރުވާތައް ހިމެނެއެވެ. ޔާސިންގެ މި ތަޖުރިބާއަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް އޮތް އިތުބާރު ބޮޑުކޮށްދޭ ކަމެކެވެ. އެހެންކަމުން، މިފަދަ ފަރުވާތަކަށް އައިޖީއެމްއެޗަށް އިތުބާރުކުރުމަށް ޔާސިން އެހެން މީހުންނަށް އިލްތިމާސްކުރެއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި "ޓޯޓަލް ހިޕް ރިޕްލޭސްމަންޓް" ފުރިހަމަކުރި މުހައްމަދު ޔާސިންގެ ތަޖުރިބާ.
— IGMH (@igmhmv) April 16, 2026
މި އޮޕަރޭޝަނަށްފަހު ޔާސިންގެ ހާލަތު ރަނގަޅުވެ، މިހާރު ދަނީ އެއްވެސް ދަތިކަމެއްނެތި އާންމު ދިރިއުޅުމުގެ ހަރަކާތްތަކުގައި ބައިވެރިވަމުން. pic.twitter.com/NZr2yEX8x7