Ads by Farudhun

ޚަބަރު

މާލޭގެ މަގުތައް ހަލަބޮލިކޮށް އެމްޑީޕީން ކުރަމުންދާ މުޒާހަރާތަކަކީ ޒިންމާދާރުކަން ކުޑަކަމެއް: ޝުޖާއު

މާލޭގެ މަގުތައް ހަލަބޮލިކޮށް އެމްޑީޕީން ކުރަމުންދާ މުޒާހަރާތަކަކީ ޒިންމާދާރުކަން ކުޑަކަމެއް: ޝުޖާއު

އެމްޕީ ޝުޖާއު/ފޮޓޯ: އައްޑޫ ލައިވް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

19 އޭޕްރީލު 2026، 12:55

19 އޭޕްރީލު 2026، 12:55

މާލޭގެ މަގުތައް ހަލަބޮލިކޮށް އެމްޑީޕީން ކުރަމުންދާ މުޒާހަރާތަކަކީ ޒިންމާދާރުކަން ކުޑަކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މެމްބަރު ޝުޖާއު މިފަދައިން ވިދާޅުވެފައިވަނީ، އިދިކޮޅު އެމްޑީޕީގެ ބޭފުޅުން މާލޭގެ މަގުތަކުގައި ފަހަކަށް އައިސް ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާއި ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝުޖާއު ވިދާޅުވީ، މާލޭގެ މަގުތައް ހަލަބޮލިކޮށް މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ދަތިވާގޮތައް އިދިކޮޅު އެމްޑީޕީން ކޮންމެ ރެއަކު ކުރަމުން އަންނަ މުޒާހަރާތަކަކީ ސަރުކާރުން ވަކިކަމެއް ގޯސްކޮށްކޮށްގެން ނުވަތަ ވަކި ކަމެއް ގޯސްކޮށް ކުރާތީ، ކުރާ މުޒާހަރާތަކެއް ނޫން ކަމަށެވެ. ނަމަވެސް، އެމްޑީޕީން މިފަދަ މުޒާހަރާތައް ކެނޑިނޭޅި ކުރަމުންދާއިރު، އެ ޕާޓީގެ ލީޑަރުން ވެސް ތިއްބެވީ ހެޔޮ ޙާލުގައި އެބޭފުޅުންގެ ގޭގައިކަން ޝުޖާއު ފާހަގަކުރެއްވި އެވެ.

ޕާޓީގެ ލީޑަރުން ތިއްބެވީ ހެޔޮ ޙާލުގައި ގޭގައި، ނުހައްޤުން ޖަލުގައި ހުރި އެކަކުވެސް ނެތް، ސިޔާސީ އަނިޔާ ލިބެމުންދާ އެކަކުވެސް ނެތް. 

މެމްބަރު ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ރަނގަޅުކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަންކަން ރަނގަޅު ކުރައްވާ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ޝުޖާއު  ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، މި މުޒާހަރާތަކަކީ ކުރިއަށްއޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ވާދަކުރައްވާ އެޕާޓީގެ މެމްބަރުން ވަކި މަޤްޞަދެއް ހާސިލްކުރުމަށް ކުރާ ކަމެއްކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވަނީ، މާލެއާއި މާލޭގައި ދިރިއުޅުއްވަމުން ގެންދަވާ ރައްޔިތުންނަށް އެއްވެސް އަސާސެއްނެތި މިގޮތަށް ކުރެވޭ އުނދަގޫތަކަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމުގައި ދެކިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450