ޚަބަރު
ހުޅުމާލޭ ފިތުރޯނު މަގު މަރާމާތުކުރުމުގެ ޢަމަލީ މަސައްކަތް އެޗްޑީސީން ފަށައިފި
މަސައްކަތުގެ ތެރެއިން/ފޮޓޯ: އެޗްޑީސީ
ހުޅުމާލޭ ފިތުރޯނު މަގު މަރާމާތުކުރުމުގެ ޢަމަލީ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.
މިއީ ހުޅުމާލޭގެ މަގުތަކަކީ ދަތުރުފަތުރު ކުރުމަށް އަމާން އަދި ރައްކާތެރި ތަންތަނަށް ހެދުމުގެ ގޮތުން ކުރިއަށްދާ މަސައްކަތެއްކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.
އެޗްޑީސީން ވިދާޅުވީ، ސަރުކާރުގެ އިިސްނެންގެވުމާއެކު ކުރިއަށްދާ މި މަސައްކަތަކީ އެ ކުންފުންޏާއި ކަމާބެހޭ އިދާރާތައް ގުޅިގެން، ހުޅުމާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކޮށް، މަގު ބޭނުންކުރާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ފިތުރޯނު މަގު މަރާމާތު ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.
ހުޅުމާލޭގައި މަގު ހެދުމާއި، ގެއްލުން ލިބިފައި ހުރި މަގުތައް މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން، ފިތުރޯނުމަގު މަރާމާތުކުރުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުން.#WithHDC#MyHulhumalé#SeatoSilverShores#HDC25 pic.twitter.com/i7O6eMXxVc
— Housing Development Corporation (@hdcmaldives) April 19, 2026
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުމާލެ ފޭސް 1 އަދި 2 ގެ މަގުތައް މަރާމާތު ކުރުމަށް އެޗްޑީސީ، އިންރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޮމްޕެނީ ލިމިޓެޑާއެކު އެއްބަސްވުމެއް އެކުލަވާލާފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ފޭސް 1 ގައި ބާކީ ހުރި ހުރިހާ މަގުތަކާއި ފޭސް 2 ގައި ވިނަރެސް ރެސިޑެންސް އާ ޖެހިގެން އޮންނަ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން ފިތުރޯނު މަގާއި، ތާރު ހަލާކުވެފައިވާ އެހެނިހެން މަގުތައް މަރާމަތު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
މި މަސައްކަތް އަވަހަށް ނިންމައި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ދަތުރުފަތުރުގެ ފަސޭހަތައް ލިބުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް ވެސް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.