ކުޅިވަރު
ބެޔާނުން 35ވަނަ ފަހަރަށް ޖަރުމަނު ލީގު ކާމިޔާބުކޮށްފި
ބެޔާން މިއުނިކްގެ ކުޅުންތެރިން އުފާފާޅުކުރަނީ---
ޖަރުމަނު ލީގުގެ އެންމެ ކާމިޔާބު ކްލަބު، ބެޔާން މިއުނިކުން ޖަރުމަން ބުންޑަސް ލީގާ 35ވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.
ލީގުގައި ބާކީ 4 މެޗު އޮއްވައި އެ ޓީމުން ލީގު ކަށަވަރުކުރީ، އާދީއްތަ ދުވަހުގެރޭ ޝްޓުޓްގަރޓް އާއި ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މި ނަތީޖާ އާއިއެކު ބަޔާން މިއުނިކަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 30 މެޗުން 79 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ބޮރޫޝިޔާ ޑޯޓްމަންޑް އަށް ލިބިފައިވަނީ 64 ޕޮއިންޓެވެ.
ބެޔާން މިއުނިކުން ވަނީ އެންމެ ފަހުން ކުޅުނު 14 ސީޒަނުގެ ތެރެއިން 13 ސީޒަނުގައި ލީގުގެ ޗެމްޕިއަންކަން ހޯދައިފައެވެ. މިފަހުން އެ ޓީމަށް ލީގު ގެއްލުނީ މީގެ އެއް އަހަރު ކުރިން، ޒަބީ އަލޮންސޯގެ ކޯޗުކަމުގައި ބެޔާ ލެވަކޫސަނުން ލީގު ކާމިޔާބުކުރުމުންނެވެ.
ބެޔާން މިއުނިކުން ސްޓުޓްގާޓްއާ ދެކޮޅަށް އެ ޓީމުގެ އެލިއެންސް އެރީނާގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ އިދިކޮޅު ޓީމެވެ. އެގޮތުން، މެޗުގެ 21 ވަނަ މިނެޓްގައި ކްރިސް ފުހްރިޗް ވަނީ ލަނޑެއް ޖަހައި ސްޓުޓްގާޓަށް ކުރިހޯދައިދީފައެވެ. އޭގެ 10 މިނެޓް ފަހުން، މެޗުގެ 31 ވަނަ މިނިޓްގައި ރަފައެލް ގަރޭރޯ ވަނީ ލަނޑެއް ޖަހައި، ބެޔާން މިއުނިކަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
އަދި އޭގެ ދެ މިނެޓް ފަހުން، ނިކޮލަސް ޖެކްސަން ވަނީ ބެޔާން މިއުނިކަށް އެ މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިދީފައެވެ. މެޗުގެ 37 ވަނަ މިނިޓްގައި ބެޔާން މިއުނިކްގެ ތިން ވަނަ ލަނޑު ޖެހީ އަލްފޮންސޯ ޑޭވިސްއެވެ. މި ދެ ގޯލަށް ވެސް އެސިސްޓުކޮށްދިނީ ލުއިސް ދިއާޒްއެވެ.
ބެޔާން މިޔުނިކުން މި މެޗުގައި ޖެހި ހަތަރުވަނަ ގޯލަކީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނެޓުގައި ހެރީ ކޭން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. އަދި މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް ޝްޓުޓްގަރޓްގެ ކެމާ އެންޑްރޭސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފައެވެ.
ބެޔާން މިއުނިކަށް ވަނީ މި ސީޒަނުގައި ތިން މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިފައެވެ. ބުންޑެސްލީގާގެ ޗެމްޕިއަންކަން ހޯދާފައިވާއިރު ޑީއެފްބީ ޕޯކަލްގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން އެ ކްލަބް ވަނީ ފުރުސަތު ހޯދާފައެވެ.