ޚަބަރު
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް މަސައްކަތްކުރާ ފަރާތްތަކަށްދޭ އެވޯޑަށް އެޗްޕީއޭ އިން ފުރުސަތު ހުޅުވާލައިފި
ސިނގިރޭޓް ބުއިން މަނާކުރާ ކުރެހުމެއް
ދުންފަތުގެ އިސްތިއުމާލު ކުރުމާއި އެކަން ހުއްޓުވުމަށް މުޖުތަމައުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުސަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުޅުވާލައިފިއެވެ.
ކޮންމެ އަހަރެއްގެ މޭ މަހުގެ 31 ވަނަ ދުވަހަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހެވެ. ރާއްޖޭގައިވެސް ކޮންމެ އަހަރަކު ކުލަގަދަކޮށް ފާހަގަކުރާ މި ދުވަހާ ގުޅުވައިގެން އެޗްޕީއޭ އިން ނިންމާފައިވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރާ ފަރާތްތަކަށް ހާއްސަ އިނާމެއް ދިނުމަށެވެ.
އެޗްޕީއޭ އިން ހާމަކުރެއްވި ގޮތުގައި މި އެވޯޑު ދިނުމުގެ މައިގަނޑު މަގްސަދަކީ ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން އުޅޭ ފަރާތްތަކުގެ ހިތްވަރު އާކޮށް، އެ ފަރާތްތަކުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމެވެ. މިގޮތުން، ދުންފަތުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރުދުންނާއި، ޖަމްއިއްޔާ ޖަމާއަތްތަކުގެ އިތުރުން ސަރުކާރާއި އަމިއްލަ އިދާރާތަކަށްވެސް މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މި އަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ޝިއާރަކީ "އޮޅުވާލުންތައް ހާމަކޮށްދީ ދުންފަތާއި ނިކޮޓިން އިން ރައްކާތެރިކުރުން" މިއެވެ. އެޗްޕީއޭ އިން ވިދާޅުވީ އެވޯޑަށް ފަރާތްތައް ހޮވުމުގައި މި އަހަރުގެ ޝިއާރާ ގުޅުންހުރި މަސައްކަތްތަކަށް ހާއްސަ ސަމާލުކަމެއް ދެވޭނެ ކަމަށެވެ.
މި އެވޯޑަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، އެކަމަށް ކަނޑައަޅާފައިވާ ފޯމު ފުރިހަމަކުރުމަށްފަހު، އަންނަ މޭ މަހުގެ ދެވަނަ ދުވަހުގެ ކުރިން [email protected] އަށް މެއިލް ކުރެއްވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކުރައްވާފައެވެ.