ކުޅިވަރު

އަންނަ އަހަރުން ފެށިގެން ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް މުސާރަ ދޭން ނިންމައިފި

އަންނަ އަހަރުން ފެށިގެން ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް މުސާރަ ދޭން ނިންމައިފި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު މެޗެއްގެ ތެރެއިން / ފޮޓޯ: ސިޑިބަރި

farudhun logo

ފަރުދުން

20 އޭޕްރީލު 2026، 09:26

20 އޭޕްރީލު 2026، 09:26

ޤައުމީ ޓީމުތަކަށް ކުޅެމުން އަންނަ އެހެން ކުޅުންތެރިން ފަދައިން، އަންނަ އަހަރުން ފެށިގެން ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް ވެސް މުސާރަ ދޭން ނިންމާފައިވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، ފުޓްސަލް ޓީމަށް މުސާރައާއި އިނާޔަތްތައް ދިނުމާއި އެވޯޑު ދިނުމުގައި އަމަލުކުރާ އުސޫލާމެދު ބައެއް ފަރާތްތަކުގެ ކަންބޮޑުވުން އޮތްކަމަށެވެ. 

އެއީ މި ކުޅިވަރުގައި ޤައުމީ ޓީމެއް އޮތްއިރު ޤައުމީ މުބާރާތެއް ނެތުމާއި، ޤައުމީ ކުޅިވަރު އެވޯޑު ހަފްލާގައި ފުޓްސަލްގެ އަޑެއް ނެތުމުގެ ކަންބޮޑުވުންތަކެވެ.

"ވަރަށް ގިނަ ބޭފުޅުންގެ ސުވާލެއް އެއީ، މިސާލަކަށް ސްޕޯޓްސް އެވޯޑުގައި ފުޓްސަލްގެ ނަން ނާންނަނީ ކީއްވެގެންތޯ. ފުޓްސަލް ޓީމަށް މުސާރަ ނުލިބެނީ ކީއްވެގެންތޯ. މިކަހަލަ ސުވާލުތައް އެބައާދޭ. މިހާރު ހެދިފައި އޮތް އުސޫލުތައް އަޅުގަނޑުމެން ރިވިއު ކުރެވޭނެ ގޮތެއް، ނޭޝަނަލް ސްޕޯޓްސް ކައުންސިލްގައި އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން." ވަޒީރު ރާފިޢު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ޤައުމީ މުބާރާތެއް ބޭއްވެންޖެހޭ ކަމަށާއި، ޤައުމީ ޓީމުގެ މުސާރަ ހަމަޖެހިގެން މި އަންނަނީ އެގޮތަށް ފުޓްސަލް ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތުގެ ތެރެއިންކަމަށެވެ. 

ވަޒީރު މިހެން ވިދާޅުވިއިރު، މީގެ ކުރިން މިކަމާ ގުޅުންހުރި ފަރާތްތަކުން ޤައުމީ ލެވެލްގައި ފުޓްސަލް ކުރިއެރުވުމަށް މަސައްކަތްކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެފްއޭއެމް ހިންގެވުމާ ކުރީގެ ފުޓުބޯޅަ ތަރި، އަޙްމަދު ޠާރިޤް ހަވާލުވެވަޑައިގެންނެވިފަހުން، މިކަން ބަދަލުވަމުން އަންނަ މަންޒަރު މިދަނީ ފެންނަމުންނެވެ.

އެފްއޭއެމްގައި ރަސްމީކޮށް ފުޓްސަލް ޓީމު ރަޖިސްޓްރީކުރެވި، ލީގު ފެށި މުބާރާތްތައް ކުރިއަށްދާން ފެށުމާއެކު، މި ބަދަލުތައް ގެންނަން ފަސޭހަވެގެންދާނެކަން، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި ނެޝަނަލް އެތުލީޓުންނަށް ދޭން ނިންމާފައިވާ ހެލްތު އިންޝުއަރެންސް، ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް ވެސް ލިބޭނެ މަގު ފަހިކޮށްދެއްވުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން ވަޒީރު ހާމަކުރެއްވިއެވެ. އަދި އެއަށްފަހު ވަޒީރު ވަނީ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް ވެސް މުސާރަ ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450