Ads by Farudhun

ޚަބަރު

ބީއެމްއެލްއިން ލޯނާއި ފައިނޭންސިންގ ދޫކުރާ ޢުމުރުފުރާ 75 އަހަރާ ހަމައަށް އިތުރުކޮށްފި

ބީއެމްއެލްއިން ލޯނާއި ފައިނޭންސިންގ ދޫކުރާ ޢުމުރުފުރާ 75 އަހަރާ ހަމައަށް އިތުރުކޮށްފި

ބީއެމްއެލް ހެޑް އޮފީސް--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

21 އޭޕްރީލު 2026، 12:47

21 އޭޕްރީލު 2026، 12:47

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ލޯނާއި ފައިނޭންސިންގ ދޫކުރާ އެންމެ މަތީ ޢުމުރުފުރާ 75 އަހަރާ ހަމައަށް އިތުރުކޮށްފި އެވެ.

ބީއެމްއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، 60 އަހަރު ފުރުމާ ހަމައަށް ލޯނު ލިބޭ ގޮތަށް މިހާރު އޮތް އޮތުން 75 އަހަރާ ހަމައަށް މަތިކުރުމަށް ބޭންކުގެ ބޯޑުން އިއްޔެ ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން ބީއެމްއެލްއިން ލޯނު ދޫކުރަމުން ދިޔައީ އުމުރުން 60 އަހަރުވާއިރު ލޯނު އަނބުރާ ދެއްކޭގޮތަށް ނަމަވެސް، މިހާރު މި ޢުމުރުފުރާ 75 އަހަރަށް އިތުރުކޮށްފައިވުމާއެކު ޢުމުރުން 18 އަހަރާއި 75 އަހަރާއި ދެމެދުގެ ކޮންމެ މީހަކަށް ވެސް ލޯނަށް އެދި ހުށައެޅޭނެއެވެ.

60 އަހަރަށްވުރެ އުމުރުން ދުވަސްވެއްޖެ ބޭފުޅަކަށް ލޯނެއް ނުދެވޭ. މިސާލަކަށް 55 އަހަރުވީ ބޭފުޅަކަށްވެސް މިހާރު ލޯނެއް ދެވޭނީ 5 އަހަރުގެ ތެރޭގައި ދައްކާ ނިންމޭނެ ލޯނެއް. މިހާރު އަޅުގަނޑުމެން ބަދަލުމިކުރީ 75 އަހަރަށް. އެހެންވީމަ ވަރަށް ގިނަ ފަރާތްތަކަށް ގެދޮރު ގަތުމަށާއި އެހެނިހެން ކަންތައްތަކަށް ވެސް މެދުއުމުރުގެ ބޭފުޅުންނަށް ވެސް އިތުރު ފަސޭހައެއް ވެގެންދާނެ. އެއީ 20 އަހަރަށް ނުވަތަ 25 އަހަރަށް ދަމާލައިގެން އެ ލޯނު ދެއްކުމުގެ ފުރުޞަތު ލިބިގެންދާނެ. އެހެންވީމަ 75 އަހަރަށް އުމުރަށް އިއްޔެ ބޯޑުން ވަނީ ނިންމާފައި.

ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން، ރިސޯޓް މުވައްޒަފުންނާއި ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އެ މީހުންގެ ލޯނު ޑޮލަރުން ދެއްކޭނެ މަގު ފަހިކޮށްދިނުމަށް އެދެމުންދާކަން ޝަރީފް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ރިސޯޓް މުވައްޒަފުންގެ އިތުރުން ރާއްޖެއިން ބޭރުގައި ރަނގަޅު ވަޒީފާތަކުގައި ތިބެގެން ޑޮލަރުން އާމްދަނީ ލިބޭ މީހުންނަށް ވެސް އެ ފަރާތްތަކުން ރާއްޖެއިން އެޕާޓްމެންޓެއް ގަތުމަށް ބޭނުންވެއްޖެނަމަ އެ ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުރިހާ ސިނާޢަތްތައް ހިމެނޭހެން ބޭންކް އޮފް މޯލްޑިވްސް އިން މުޅިން އަލަށް 4.6 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. އަދި މީގެ އިތުރުން އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހު ދޫކުރި 488 މިލިއަން ރުފިޔާގެ ލޯނާއިއެކު، މިއަހަރު ދޫކުރެވިފައިވާ އާ ލޯނުގެ ޢަދަދު މިހާރު ފަސް ބިލިއަން ރުފިޔާއަށްވުރެ މަތިވެފައިވާކަމަށް ބީއެމްއެލުން މަޢުލޫމާތުދެއެވެ.

 މިއީ 2025 ވަނަ އަހަރު މުޅި އަހަރު ދޫކުރި އާ ލޯނުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ ޢަދަދެއްކަމަށް ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450