Ads by Farudhun

ޚަބަރު

ތ. ގުރައިދޫ އެއާޕޯޓް މަޝްރޫޢު: ބިން ހިއްކުމާއި ހިމާޔަތްކުރުމުގެ 76 އިންސައްތަ މަސައްކަތް ނިމިއްޖެ

ތ. ގުރައިދޫ އެއާޕޯޓް މަޝްރޫޢު: ބިން ހިއްކުމާއި ހިމާޔަތްކުރުމުގެ 76 އިންސައްތަ މަސައްކަތް ނިމިއްޖެ

ތ. ގުރައިދޫ އެއާޕޯޓް މަޝްރޫޢު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 އޭޕްރީލު 2026، 12:48

21 އޭޕްރީލު 2026، 12:48

ތ. ގުރައިދޫގައި ތަރައްޤީކުރާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ވިދާޅުވީ، މުޅި މަޝްރޫޢުގެ 76 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. ގުރައިދޫ އެއާޕޯޓަށް ބޭނުންވާ 13.80 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ފަށާފައިވާއިރު، މިހާރު ވަނީ ބިން ހިއްކުމަށް ވެލި އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައެވެ.

އެމްޓީސީސީން މިހާރު ކުރިއަށްގެންދަނީ ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމުގެ ގޮތުން ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. މި މަސައްކަތަށް ބޭނުންވާ 17،000 ޓަނުގެ ބޮޑުހިލައިގެ އިތުރު ޝިޕްމަންޓެއް މިހާރު ވަނީ އެ ރަށަށް ގެންގޮސްފައެވެ. މި މަޝްރޫޢުގެ ދަށުން 979 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

ގުރައިދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢު ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ. އެމްއޭސީއެލްއާ މި މަސައްކަތް ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ސެޕްޓެމްބަރު މަހު ގުރައިދުއަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ، ގުރައިދޫ އެއާޕޯޓްގެ މަސައްކަތް 22 މަސް ދުވަހުގެ ތެރޭގައި ނިންމައި، 2027 ވަނަ އަހަރުގެ މިނިވަން ދުވަހު އެ އެއާޕޯޓުން ޚިދުމަތް ދޭން ފަށާނެ ކަމަށެވެ.

ގާތްގަނޑަކަށް 1300 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ތ. ގުރައިދޫގައި އެއާޕޯޓެއް ތަރައްޤީވެގެން ދިއުމަކީ މުޅި އަތޮޅުގެ އިޤްތިޞާދީ އަދި އިޖްތިމާއީ ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ދެކެއެވެ. ޚާއްޞަކޮށް މި އެއާޕޯޓާއެކު އެ ސަރަހައްދުގެ ފަތުރުވެރިކަން ފުޅާވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450