ޚަބަރު
މަސްވެރިކަން ކުރާ ދޯނިތަކަށް ރާއްޖޭގެ ހުރިހާ ހިސާބަކުން އަގު ހެޔޮ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި
މަސްވެރިކަން ކުރާ ދޯންޏެއް/ފޮޓޯ: ވުޒާރާ
މަސްވެރިކަން ކުރާ ދޯނިތަކަށް ރާއްޖޭގެ ހުރިހާ ހިސާބަކުން އަގު ހެޔޮ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ހަމަޖައްސައިފި އެވެ.
އެ ވުޒާރާއިން ވިދާޅުވީ، މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް 22 އޭޕްރީލް 2026 އިން ފެށިގެން ރާއްޖޭގެ އުތުރާއި ދެކުނުން އެފްއެސްއެމްގެ ޝެޑް ގާއިމުކޮށްފައިވާ ހުރިހާ ހިސާބަކުން އަގު ހެޔޮކޮށް ތެޔޮ ލިބޭނެ ކަމަށެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި ހާލަތުގައިވެސް މަސްވެރިކަމުގެ ސިނާއަތް ހުއްޓުނަނުދީ ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ އިރުޝާދުގެ މަތިން، ސަރުކާރުން ވަނީ، މަސްވެރި އުޅަނދުފަހަރަށް ހެޔޮ އަގެއްގައި ޑީސަލް ވިއްކަން ފަށާފައެވެ.
އެގޮތުން، މިދިޔަ މާރިޗް މަހުން ފެށިގެން ހުޅުމާލެ، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ.ކޫއްޑޫ، ސ.ހުޅުދޫ މިފްކޯ، އަދި އެފްއެސްއެމް ޝެޑުން ހެޔޮ އަގެއްގައި ތެޔޮ ވިއްކަން ވަނީ ފަށާފައެވެ. އަދި މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި އަގު ހެޔޮ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރި މަސައްކަތުން އެފްއެސްއެމްގެ ސްކިޑް ޤާއިމްކޮށްފައިވާ އިތުރު 8 ރަށަކުން އަގު ހެޔޮ ރޭޓެއްގައި މަސްވެރިންނަށް ތެޔޮ ލިބިގެން ދާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މިހާރު އަގުހެޔޮކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެ ރަށްތަކަކަކީ:
- ހއ. އިހަވަންދޫ
- ހދ. ހަނިމާދޫ
- ށ. މިލަންދޫ
- ބ. އޭދަފުށި
- ފ. ނިލަންދޫ
- ރ. ދުވާފަރު
- ކ. ހިންމަފުށި
- ޅ. ފެލިވަރު
- ގއ. ކޫއްޑޫ
ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ދަތުރަކަށް އަގު ހެޔޮ ރޭޓުގައި ތެޔޮ ދޫކުރާ މިންވަރު:
- 85 ފޫޓުން ފެށިގެން ބޮޑެތި އުޅަނދުފަހަރަށް 5000 ލީޓަރު ( މަހަކަށް 2 ދަތުރު)
- 50 ފޫޓާއި 85 ފޫޓާއި ދެމެދުގެ އުޅަނދުފަހަރަށް 3000 ލީޓަރު ( މަހަކަށް 3 ދަތުރު)
- 50 ފޫޓުން ދަށުގެ އުޅަނދުފަހަރަށް 1500 ލީޓަރު (މަހަކަށް 3 ދަތުރު)
ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ދަތުރަކަށް އަގު ހެޔޮ ރޭޓުގައި ތެޔޮ ދޫކުރާ މިންވަރު:
- 85 ފޫޓުން ފެށިގެން ބޮޑެތި އުޅަނދުފަހަރަށް 1800 ލީޓަރު (މަހަކަށް 5 ދަތުރު)
- 50 ފޫޓާއި 85 ފޫޓާއި ދެމެދުގެ އުޅަނދުފަހަރަށް 1200 ލީޓަރު (މަހަކަށް 5 ދަތުރު)
- 50 ފޫޓުން ދަށުގެ އުޅަނދުފަހަރު 600 ލީޓަރު (މަހަކަށް 5 ދަތުރު)
ސަރުކާރުން މި ގެންނެވި ބަދަލާއެކު، މަސްވެރިކަމުގެ މި މޫސުމުގައި މަސްވެރިން މަސްކަނޑުތަކަށް ނިކުމެ، މަސްވެރިކަމުގެ ސިނާޢަތުގައި ކުރިއަރާ ދިޔުމަށް މަގުފަހިވެގެންދާނެ އެވެ.
މަސްވެރި ދޯނިތަކުން ތެޔޮ އަޅަން ދާއިރު، މަސްވެރިކަން ކުރާ ފަރާތްތަކުން އެ ފަރާތްތަކުގެ ލައިސަންސްގެ ކޮޕީއާއި އަދި އެންމެ ފަހުން މަސްކިރުވި ރަސީދު ގެންދިއުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.