ޚަބަރު
ޚާއްޞަ އެހީއަށް ބޭނުންވާ ފިރިހެނަކަށް ޖިންސީ ގޯނާކުރި މީހަކު 18 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ޖަލަށްލުމަށް ހުކުމްކުރި މީހާ/ފޮޓޯ: ފުލުހުން
ޚާއްޞަ އެހީއަށް ބޭނުންވާ ފިރިހެނަކާއެކު ޖިންސީ ޢަމަލު ހިންގާފައިވާ މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 18 އަހަރަށް ޖަލަށްލުމަށް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ފުނާޑު.ނަވާ / ޏ. ފުވައްމުލައް، ޢަބްދުﷲ ވަޙީދު މޫސާ (58އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ (ގާނޫނު ނަންބަރު 12/2009) ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުންނެވެ. ދިވެހި ފުލުހުންގެ ޚިދުމަތަށް މި މައްސަލަ ހުށަހެޅުމާއެކު، ފުލުހުން މައްސަލައިގެ ތަޙުޤީގު ފަށާފައިވާއިރު، މި މައްސަލައިގެ ތަޙުޤީގު ނިންމުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފައެވެ.
މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ޤާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، 2026 އެޕްރީލް 19 ވަނަ ދުވަހު ޢަބްދުﷲ ވަޙީދު މޫސާގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ކުށުގެ އުގޫބާތެއްގެ ގޮތުން ޢަބްދުﷲ ވަޙީދު މޫސާ 18 އަހަރަށް ޖަލަށްލުމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ ދަށުން ޢަބްދުﷲ ވަޙީދު މޫސާ، މި ދައުވާއާ ގުޅިގެން ބަންދުގައި ހުރި 1 އަހަރާއި 7 މަހާއި 9 ދުވަސް ހުކުމުގެ މުއްދަތުން އުނިކޮށް، ޢަބްދުﷲ ވަޙީދު މޫސާ ތަންފީޒުކުރަންޖެހޭ މުއްދަތަކީ 16 އަހަރާއި 4 މަހާއި 21 ދުވަހުގެ ޖަލު އަދަބުކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި މައްސަލައަކީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހުއްޓުވައި އެފަދަ މައްސަލަތައް ތަޙުޤީގުކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކާމިޔާބު މަސައްކަތެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އަދި މިފަދަ ކުށްތަކުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަސްޖެހުމެއްނެތި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުން ގެންދާނެކަމަށް ވިދާޅުވިއެވެ.