ޚަބަރު
ޤާނޫނީގޮތުން ލާޒިމްކުރާ ވަރަށްވުރެ 4 ގުނަ އިތުރަށް ބޭންކުގެ ރައުސުލްމާލުގެ ފުދުންތެރިކަން އެބަހުރި: ޝަރީފް
މުޙައްމަދު ޝަރީފް/ފޮޓޯ: ޕީއެސްއެމް
ޤާނޫނީގޮތުން ލާޒިމްކުރާ ވަރަށްވުރެ 4 ގުނަ އިތުރަށް ބޭންކުގެ ރައުސުލްމާލުގެ ފުދުންތެރިކަން އެބަހުރިކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދު ބީއެމްއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ، މިދިޔަ އަހަރު ބޭންކުގެ ރެކޯޑު ކުރިއެރުމާއެކު އައު އަހަރުގެ މާލީ ދުވެލިވެސް އެ ބާރުމިނުގައި ދަމަހައްޓާފައިވާ ކަމަށެވެ.
އެގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 879 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 698 މިލިއަން ރުފިޔާ އެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ބޭންކަށް 631 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %27 ކުރިއެރުމެއްކަން ފާހަގަކޮށްލެވެއެވެ. މިއާއެކު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކަށް ލިބުނު ޖުމްލަ އާމްދަނީ އަކީ 1.24 ބިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން، ޤައުމީ ބެންކުގެ ޖުމްލަ އެސެޓް ފުރަތަމަ ފަހަރަށް 60 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައިފައިވާއިރު މިއީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާގެ އިތުރުވުމެއްކަމަށް ބީއެމްއެލްގެ ސީއީއޯ ޝަރިފް ވިދާޅުވިއެވެ. އަދި ބޭންކުގެ ރައުސުލްމާލުގެ ފުދުންތެރިކަން ހުރީ ޤާނޫނީ ގޮތުން ލާޒިމު ކުރާ މިންވަރަށް ވުރެ ހަތަރު ގުނަ އިތުރަށް ކަމަށާއި، އެއީ ބޭންކުގެ ހިންގުން ހަރުދަނާކަމުގެ ހެއްކެއްކަން ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.
ބީއެމްއެލްގެ ހިންގުން ހަރުދަނާކުރުމަށް އެ ބޭންކުން ގިނަ މަސައްކަތްތަކެއް ކުރާއިރު، މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ބޭންކުން ރެކޯޑު ޢަދަދެއްގެ ފައިދާއެއް ހޯދާފައިވާކަން ފާހަގަކޮށްލެވެއެވެ.