ޚަބަރު
ފާއިތުވި ހަފްތާގައި ސްކޭމް މައްސަލަތަކުގައި ގެއްލުނު ފައިސާގެ %43 ރިކަވާކޮށްފި
ސްކޭމް--
ފާއިތުވި ހަފްތާގައި ސްކޭމް މައްސަލަތަކުގައި ގެއްލުނު ފައިސާގެ %43 ރިކަވާކޮށްފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި ޖުމުލަ ސްކޭމްގެ 41 މައްސަލަ ހުށަހެޅިފައިވާ އިރު، ޖުމުލަ ގެއްލުމުގެ އަދަދަކީ 496،383.50 ރުފިޔާއެވެ.
އޭގެ ތެރެއިން 211،684.50 ރުފިޔާ ފުލުހުން ރިކަވާކޮށްފައިވާއިރު، ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އީ-ކޮމާސް ސްކޭމް މައްސަލަތަކެވެ. އެގޮތުން، އެ ބާވަތުގެ 21 މައްސަލައެއް ހުށަހެޅިފައިވެއެވެ. އޭގެ އިތުރުން އިމްޕާސަނޭޝަން ނުވަތަ އެހެން މީހެއް ކަމަށް ހެދިގެން ހިންގި ސްކޭމްގެ 9 މައްސަލައަކާއި، ކަރަންސީ އެކްސްޗޭންޖް ސްކޭމްގެ 3 މައްސަލައަކާއި، ފިޝިން ވިޝިން އަދި ވަޒީފާގެ ސްކޭމްގެ 1 މައްސަލައެއް ހިމެނެއެވެ. އަދި ބާކީ 8 މައްސަލައަކީ އެ ނޫން އެހެނިހެން ބާވަތުގެ ސްކޭމް މައްސަލަތަކެވެ.

ފުލުހުން ވިދާޅުވީ، މި ސްކޭމްތައް ހިންގާފައިވަނީ ވައިބާ، ވަޓްސްއެޕް އަދި މެސެންޖާ ފަދަ މެސެޖިން ޕްލެޓްފޯމްތަކާއި އައިބޭ އާއި ފޭސްބުކް މާކެޓްޕްލޭސް އަދި ފޯން ކޯލްތަކާއި ނުދަންނަ ލިންކުތައް މެދުވެރިކޮށް ކަމަށެވެ. އަދި މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް، އޮންލައިންކޮށް ވިޔަފާރިކުރާ އިރު ތަކެތި ލިބުމުގެ ކުރިން ޕޭމަންޓް ނުދެއްކުމަށާއި، ބޭންކު ނުވަތަ ސަރުކާރު އިދާރާއެއް ކަމަށް ބުނެ ގުޅާ ފަރާތްތަކާ އޯ.ޓީ.ޕީ އަދި ޕިން ފަދަ މައުލޫމާތު ހިއްސާ ނުކުރުމަށާއި، ނުދަންނަ ލިންކުތަކަށް ނުފިތުމަށާއި، ސްކޭމެއް ކަމަށް ޝައްކު ކުރެވިއްޖެ ނަމަވީ އެންމެ އަވަހަކަށް ފުލުހުންނަށް ރިޕޯޓް ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ހަމަ އެހެންމެ، އެގޮތަށް އަވަހަށް ރިޕޯޓު ކުރުމުން ގެއްލުނު ފައިސާ ރިކަވާ ކުރެވުމުގެ ފުރުސަތު ބޮޑުވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.