ކުޅިވަރު
ގިނަ ޒުވާން ކުޅުންތެރިންތަކަކާއެކު ޤައުމީ ފުޓުބޯޅަ ސްކޮޑު އިޢުލާންކޮށްފި
ރާއްޖޭގެ ޤައުމީ ޓީމު އެންމެ ފަހުން ޓީމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން---
ފަރުދުން
21 އޭޕްރީލު 2026، 09:03
21 އޭޕްރީލު 2026، 09:03
ގިނަ ޒުވާން ކުޅުންތެރިންތަކެއް ހިމެނޭހެން ސީނިއަރ ޤައުމީ ފުޓުބޯޅަ ސްކޮޑު، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިޢުލާންކޮށްފިއެވެ. މިއީ ޖޫން މަހު އޮންނަ ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ކަޕުގައި ވާދަކުރުމަށް އެކުލަވާލި 32 ކުޅުންތެރިންގެ ވަގުތީ ސްކޮޑެކެވެ.
ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ މި މުބާރާތް އޮންނާނީ އަންނަ ޖޫން މަހުގެ 1 އިން 10 އަށް، މާލޭގައެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ޕާކިސްތާން އަދި ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމެވެ.
މި މުބާރާތަށް އެކުލަވާލި ދިވެހި ސްކޮޑުގައި، 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލްކުރި ގިނަ ކުޅުންތެރިން ވެސް ހިމެނެއެވެ. އަދި ދިވެހި ފުޓުބޯޅައިގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ވެސް ސްކޮޑުގައި ވަނީ ހިމަނާފައެވެ.
ސްކޮޑުގައި ހިމެނޭ 20 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ބަލާލާއިރު، ޒުވާން ޤައުމީ ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން، ކްލަބް ވެލެންސިއާގެ ކެޕްޓަން އީތަން އިބްރާޙީމް ޒަކީ، ނާޝިއު އަހުމަދު ޝިހާމް، ނައްސާހު އިބްރާހިމް ނާސިރު، ޒަހުރާން ހަސަން ޒިޔާދު، ޕްރެޒިޑެންޓްސް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ އަހުޒަމް ރަޝީދު ފާޙަގަކޮށްލަން ޖެހެއެވެ. މީގެއިތުރުން، މި ސީޒަނުގައި ބުރު ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދެއްކި މުހައްމަދު ނައިސަމް ނަދީމްއަށް ވެސް މިފަހަރުގެ ސްކޮޑުން ފުރުސަތު ދީފައިވެއެވެ.
ޤައުމީ ސްކޮޑުން ފުރުސަތު ލިބުނު ސީނިއަރ، ތަޖުރިބާކާރު ކުޅުންތެރިންނަށް ބަލާލާއިރު އަލީ އަޝްފާޤް (ދަގަނޑޭ)، އަލީ ފާސިރު (ސެންޓޭ) އަދި އަމްދާން އަލީ (އޭންޑީ) އާއި އަޙްމަދު އަބްދުﷲ (ލިލީ) ފާޙަގަކޮށްލެވެއެވެ.
އަދި ޓީސީއަށް ކުޅެމުން އަންނަ އަހުމަދު މާއިޝް ރަޝީދު ވެސް މި ޓީމުގައި ހިމެނެއެވެ. މިއީ މާއިޝް ގައުމީ ސީނިއަރ ޓީމުގައި ހިމެނުނު ފުރަތަމަ ފަހަރެވެ.
މީގެއިތުރުން ޕްރިލިމިނަރީ ސްކޮޑުން ފުރުސަތު ލިބުނު ނަމަވެސް، ލިބުނު އަނިޔާއަކާ ގުޅިގެން ޓީމާ ދުރަށް ދާން ޖެހުނު ހަމްޒާ މުޙައްމަދު (ހަމްޕު) އަށް ވެސް ސްކޮޑުން ފުރުސަތުދީފައިވެއެވެ.
މި ޓީމުގައި މާޒިޔާގެ 11 ކުޅުންތެރިން ހިމެނެއެވެ. މިގެއިތުރުން ނިއުރޭޑީއަންޓުގެ ފަސް ކުޅުންތެރިއަކަށް، އޮޑި ސްޕޯޓްސް ކުލަބުގެ ހަ ކުޅުންތެރިއަކަށް، އީގަލްސް އަދި ބުރުގެ ތިން ކުޅުންތެރިއަކަށް އަދި ވިކްޓީގެ ދެ ކުޅުންތެރިއަކަށާއި ޓީސީއާއި ވެލެންސިއާއިން ކޮންމެ ޓީމަކުން އެއް ކުޅުންތެރިއަކަށް ޤައުމީ ސްކޮޑުން ފުރުސަތު ލިބިފައިވެއެވެ.
32 ކުޅުންތެރިންގެ ޤައުމީ ސްކޮޑު:
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން: ސަމޫހު އަލީ (ސަމުއްޓެ)، ހުސެއިން ޝަރީފް (ހުސެން)، އިބްރާހިމް އައިސަމް، ހައިޝަމް ހަސަން، ހަމްޒާ މުހައްމަދު (ހަމްޕު) {ހަމްޒާ ވަނީ މާޒިޔާ އާއެކު އެއްބަސްވުން އައުނުކުރަން ނިންމާފައެވެ، އެހެންނަމަވެސް ސީޒަން ނިންމާލީ މާޒިޔާގައެވެ.} ނާއިޒު ހަސަން (ދާދު)، އަހުމަދު އައިހަމް (ފަތޯ)، މުހައްމަަދު އިލާން އިމްރާން، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، ނާޝިއު އަހުމަދު ޝިހާމް، ނައްސާހު އިބްރާހިމް ނާސިރު.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް: މުހައްމަދު އިރުފާން (އިރޭ)، އަލީ ފާސިރު (ސެންޓޭ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، މުހައްމަދު ފައިސަލް، އަލީ އަޝްފާގު (ދަގަނޑޭ)
އޮޑި ސްޕޯޓްސް ކްލަބް: އަހުމަދު އައިހަމް (އައިހު)، އަހުޒަމް ރަޝިދު (އަހު)، މުޒްދާން ހަސަން، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އަބްދުﷲ ލޫތު އިބްރާހިމް، މުހައްމަދު ޝަފީއު (ޗެކް)
ބުރު ސްޕޯޓްސް ކްލަބް: ތޯއިފް ގާސިމް (ތޯއްޕެ)، އަހުމަދު އަބްދުﷲ (ލިލީ)، މުހައްމަދު ނައިސަމް ނަދީމް
ކްލަބް އީގަލްސް: އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، މުހައްމަދު އަޝްވާން، ޒަހުރާން ހަސަން ޒިޔާދު (ޒަހު)
ވިކްޓަރީ ސްޕޯޓްސް ކްލަބް: އަހުމަދު ރިޒުވާން (ރިޒޭ)، އަމްދާން އަލީ (އެންޑީ)
ޓީސީ ސްޕޯޓްސް ކްލަބް: އަހުމަދު މާއިޝް ރަޝީދު (މާއި)
ކްލަބް ވެލެންސިއާ: އީތަން އިބްރާހިމް ޒަކީ
ހަންގޭރީގެ އިސްތަވާން އުރުބާނީގެ އިރުޝާދުގެ ދަށުން ޤައުމީ ޓީމުން ޑައިމަންޑް ޖުބިލީ މުބާރާތަށް ތައްޔާރުވާއިރު، މުބާރާތަށް ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.