ކުޅިވަރު

ޕްރިމިއަރ ލީގު ތަށި ނެގިތާ ދިހަ އަހަރު ފަހުން ލެސްޓާރ ސިޓީ ތިންވަނަ ޑިވިޝަނަށް

ޕްރިމިއަރ ލީގު ތަށި ނެގިތާ ދިހަ އަހަރު ފަހުން ލެސްޓާރ ސިޓީ ތިންވަނަ ޑިވިޝަނަށް

ކެސްޓަރ ސިޓީގެ ކެޕްޓަން ހަމްދާ ޗޯދުރީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

22 އޭޕްރީލު 2026، 07:13

22 އޭޕްރީލު 2026، 07:13

އިނގިރޭސި ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި ތަށި، އިނގިރޭސި ޕްރިމިއަރ ލީގު ހޯދިތާ ދިހަ އަހަރު ފަހުން ލެސްޓާރ ސިޓީ ތިންވަނަ ޑިވިޝަނަށް ރެލިގޭޓުވެއްޖެއެވެ.

ލެސްޓަރ ސިޓީއިން 2021ވަނަ އަހަރު ޗެލްސީ ބަލިކޮށް އެފްއޭ ކަޕް ކާމިޔާބުކުރި ފަހުން އެ ޓީމުން ދިޔައީ ދުވަހެއް ދުވަހަކަށް ދަށަށެވެ. އަދި އަންގާރަ ދުވަހުގެރޭ ޕްރިމިއަރޝިޕް (އިނގިރޭސި ދެވަނަ ޑިވިޝަން)ގައި ހަލް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން 2-2އިން އެއްވަރުވުމާ ގުޅިގެން، އަންނަ ސީޒަންގައި އެ ޓީމު ކުޅެން ޖެހޭނީ ލީގު ވަން (ތިންވަނަ ޑިވިޝަން)ގައިކަން ވަނީ ކަށަވަރުވެފައެވެ.

ލެސްޓާރ ސިޓީއިން 2016ވަނަ އަހަރު ޕްރިމިއަރ ލީގު ކާމިޔާބުކުރީ މުޅި ދުނިޔެ ހައިރާންކޮށްލުމަށްފަހުއެވެ. ލީގު ކާމިޔާބުކުރުމަށްފަހު ޖެހިގެން އައި ސީޒަންގައި އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ވެސް ކުޅެފައެވެ. 

ނަމަވެސް އޭގެ ފަހުން އެ ޓީމަށް ވަނީ މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެ ޓީމަށް ލިބުނު އެންމެ ބޮޑު ދެރައަކަށްވީ ލީގު ކާމިޔާބުކުރިތާ ދެ އަހަރު ފަހުން އެ ކްލަބުގެ ވެރިޔާ، ތައިލޭންޑުގެ ވިޔަފާރިވެރިޔާ ވިޝާއި ސްރިވައްދަނަޕްރަބާރ ދަތުރުކުރި ހެލިކޮޕްޓަރު ވެއްޓިގެން އޭނާ މަރުވުމެވެ. 

ލެސްޓަރ ސިޓީއަށް ވަނީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ވެސް މާލީ ބޮޑެތި ގެއްލުންތަކެއް ލިބި، ޓީމަށް އިންވެސްޓު ކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. އެއީ ކޮވިޑާ ގުޅިގެން އެއާރލައިން ތަކުގެ ދަތުރުތައް ހުއްޓުމަކަށް އައުމުން، ވެރިޔާގެ ޑިއުޓީ-ފްރީ ވިޔަފާރި، ކިންގް ޕަވަރއަށް ލިބުނު ގެއްލުންތަކުގެ ސަބަބުންނެވެ.

އެގޮތުން 2022ވަނަ އަހަރު ލީގުގެ 8ވަނައިގައި ސީޒަން ނިންމާލުމަށްފަހު ޖެހިގެން އައި ސީޒަނުގައި އެ ޓީމު ވަނީ ޕްރިމިއަރޝިޕަށް ރެލިގޭޓުވެފައެވެ. އެ ސީޒަންގައި ޓީމު ސަލާމަތްކުރުމަށް، ކުރިން ލިވަޕޫލްގެ ކޯޗެއްގެ މަޤާމު ވެސް އަދާކޮށްފައިވާ ބްރެންޑެން ރޮޖާރސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އެ ސީޒަންގައި ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓުމާއެކު ކްލަބުން ވަނީ ރޮޖާރސް ދޫކޮށްލާފައެވެ. އަދި އޭގެ ފަހުން މިއަދާ ހަމައަށް އެ ކްލަބުން ވަނީ 7 ފަހަރު ކޯޗު ބަދަލުކޮށްފައެވެ. ނަމަވެސް ޓީމު ސަލާމަތް ނުކުރެވި ރެލިގޭޓުވީއެވެ.

ލީގު ވަންއަށް ރެލިގޭޓުވިއިރު ލެސްޓަރއަށް މިހާރު އޮތް މާލީ ގެއްލުންތައް ފޫބެއްދުމަށް ވެސް ހުރަސްތައް ގިނައެވެ. އެގޮތުން ކުޅުންތެރިންގެ މުސާރަތަކަށް ކުރަންޖެހޭ ޚަރަދުތަކުގެ ސަބަބުން އެ ޓީމު އޮތީ މާލީގޮތުން ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450