Ads by Farudhun

ޚަބަރު

ރޭގެ އެއްވުން ކޮންޓްރޯލްކުރުމުގައި ފުލުހުން ބާރުގެ ބޭނުންކުރިކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

ރޭގެ އެއްވުން ކޮންޓްރޯލްކުރުމުގައި ފުލުހުން ބާރުގެ ބޭނުންކުރިކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

މުޒާހަރާގައި ފުލުހުން ޙަރަކާތްތެރިވަނީ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 އޭޕްރީލު 2026، 11:57

22 އޭޕްރީލު 2026، 11:57

ރޭ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން ބާރުގެ ބޭނުންކުރިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދިވެހި ފުލުހުންގެ ޚިދުމަތުން ދޮގުކޮށްފި އެވެ.

ލޯކަލް ކައުންސިލު އިންތިޚާބުގައި އެމްޑީޕީއަަށް ކާމިޔާބު ލިބުނުކަމުގައި ޤަބޫލުކުރެވުމާއެކު އެ ޕާޓީން ދަނީ މާލޭގެ އެކި ސަރަޙައްދުތަކުގައި ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންނެވެ.

މިކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެއްވުމެއް ހިނގަމުން ދިޔަ ސަރަޙައްދަކުން ރޭގެ ވަޤުތެއްގައި ހޮސްޕިޓަަލަށް ގެންދެވުނު މީހަކަށް އަނިޔާވެފައިވަނީ، އެއްވުމާ ގުޅިގެން ފުލުހުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުންކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް، އެއްވުން ކޮންޓްރޯލްކުރުމަށް ފުލުހުން ހިންގި އެއްވެސް ހަރަކާތަކާއި، އެމީހާއަށް ލިބުނު އަނިޔާތަކާ އެއްވެސް ގުޅުމެއް ނެތްކަން ފުލުހުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކާ ޚިލާފަށް، ރޭގެ އެއްވުން ކޮންޓްރޯލްކުރުމުގައި ބާރުގެ ބޭނުންކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، އެއީ އެއްވުމާއި ގުޅިގެން ފުލުހުން އެޅި އެއްވެސް ފިޔަވަޅެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ނޫންކަމުގެ ޔަޤީންކަން ފުލުހުން ވަނީ ދެއްވާފައެވެ. އަދި ޙަޤީގަތާ ޚިލާފަށް މިފަދަ ދޮގު މަޢުލޫމާތު ފެތުރުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެހެންކަމުން، މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަށް ފަހު ނޫނީ، މަޢުލޫމާތު ނުފެތުރުމަށް އިދާރާތަކާއި، މީޑިއާތަކާއި، އަދި ޢާންމުންނަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފަ އެވެ.

އެމްޑީޕީމް އަންނަނީ، އިންތިގާލީ ސަރުކާރެއް އެކުލަވައިލުމާއި، ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ގެނެސްފައިވާ އިޞްލާޙުތައް ބާޠިލުކުރުން ފަދަ 12 ކަމަކަށް ޑިމާންޑުކޮށް މުޒާހަރާކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450