ޚަބަރު
ޙައްޖާއި ޢުމްރާގެ ޚިދުމަތް ދިނުމާއި ގުޅޭ ޚާއްޞަ ޤާނޫނެއް އެކުލަވާލަނީ
ވަޒީރު ޝަހީމް/ފޮޓޯ: މަޖިލިސް
ޙައްޖާއި ޢުމްރާގެ ޚިދުމަތް ދިނުމާއި ގުޅޭ ޚާއްޞަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހަށް ހާޒިރުވެވަޑައިގެން، މެންބަރަކު ކުރެއްވިި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން، ޢުމްރާގެ އަޅުކަން އަދާކުރުމަށް ފައިސާ ދައްކާ، ދަތުރުނުކުރެވުމުގެ މައްސަލަތަކާއި ގުޅޭގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މިފަދަ މައްސަލަތަކަށް އަދުލުވެރި ޙައްލެއް ގެނެވޭނީ އެކަމަށް ޚާއްޞަ ޤާނޫނެއް އެކުލަވާލައިގެންކަމަށެވެ. އަދި މި ޤާނޫނުގައި ޙައްޖު ކޯޕަރޭޝަންގެ ދައުރާއި، އަމިއްލަ ކުންފުނިތަކުގެ ދައުރާއި، ޚިދުމަތް ދިނުމުގައި ކުންފުނިތަކުން ކުރާ ކުށްތަކަށް އަދަބުދެވޭނެ ހަރުދަނާ ނިޒާމެއް ހިމެނެންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖެއިން ބޭރުގެ އެހެނިހެން ޤައުމުތަކުގައި ވެސް މި ޚިދުމަތް ތަރުތީބުކޮށް، ދެމުން އަންނަނީ ޚާއްޞަ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، މިފަދަ ކުށްތަކާއި އިޙުމާލުތައް ހުއްޓުވޭނީ ޤާނޫނުގެ ތެރެއިން ހަރުކަށި ނިޒާމެއް ކަނޑައަޅައި، އަދަބުތަކެއް ތަންފީޒުކޮށްގެންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މިއީ ފައިސާ އާއި ރައްޔިތުންގެ މަސްލަހަތާއި ޙައްގުތަކާއި ގުޅޭ ކަމެއް. ޤާނޫނެއް އޮންނަންޖެހޭ. މާދުރު ނޫން މުސްތަޤްބަލެއްގައި މި މަސައްކަތް ކުރުމަށް މަސައްކަތްކުރާނަން. މެންބަރުންގެ ތާޢީދާއެކު މިކަމަށް އަދުލުވެރި ޙައްލެއް ގެނެވޭނީ.
ވަޒީރު ވިދާޅުވިއެވެ.
ވޭތުވެދިޔަ ދުވަސްތަކަށް ބަލާއިރުވެސް، ޢުމްރާއާއި ޙައްޖުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އަމިއްލަ ކުންފުނިތަކުން އިހުމާލުވުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ނަމަވެސް، މިކަމަށް ޚާއްޞަ ޤާނޫނެއް އެކުވަލާލެވިގެންދިއުމުން ޙައްޖާއި ޢުމްރާއަށް މީހުން ގެންދިއުމުގެ ކަންކަން އިތުރަށް ހަރުދަނާވެގެން ދިއުމަށް މަގުފަހިވާނެއެވެ.