Ads by Farudhun

ޚަބަރު

މަޖިލީހަށް ހުށަހެޅި ވަޠަނީ ޚިދުމަތުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

މަޖިލީހަށް ހުށަހެޅި ވަޠަނީ ޚިދުމަތުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

ވަޠަނީ ޚިދުމަތުގެ ބައިވެރިން/ފޮޓޯ: ޕީއެސްއެމް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 އޭޕްރީލު 2026، 11:57

22 އޭޕްރީލު 2026، 11:57

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ވަޠަނީ ޚިދުމަތުގެ ބިލަށް  ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

މި ބިލަކީ ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި ޖީލެއް ބިނާކުރުމަށްޓަކައި ޒުވާނުންގެ ކިބައިގައި ޖިސްމާނީ، ފަންނީ އަދި ފިކުރީ ޤާބިލުކަން އަށަގެންނެވުމަށް މަގުފަހިކުރުމަށް ހުށަހެޅި ބިލެކެވެ.

މި ބިލު މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށްޓަކައި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުން ނެރުއްވި އިޢުލާނެއްގައި ވިދާޅުވީ، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކުރަމުން ގެންދަވާ "ވަޠަނީ ޚިދުމަތުގެ ބިލު" އަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އެހެންކަމުން، އެ ބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 21 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް ވަނީ އެދިފައެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުޙަތު މުޙައްމަދު ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަޤްޞަދަކީ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ތަޢާރަފުކޮށް، އެކަމަށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމެވެ. މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ޕްރޮގްރާމަކީ އިސްލާމްދީނަށް ލޯބިކުރާ، ދީނީ ޝިޢާރުތަކަށް އިހްތިރާމްކުރާ އަދި ޤައުމިއްޔަތަށް އިސްކަންދޭ ޒުވާނުންތަކެއް ބިނާކުރުމަށް އަމާޒުކޮށްގެން ހިންގޭނެ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ޢުމުރުން 16 އަހަރާއި 21 އަހަރާ ދެމެދުގެ ކޮންމެ ދިވެހި ޒުވާނަކަށް ލިބިގެންވެއެވެ. މީގެ އިތުރުން، ބައިވެރިވާން އެދޭ ޒުވާނުންނަކީ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި ބަޔާންކުރާ މެޑިކަލް އެސެސްމަންޓްތަކުން ފާސްވާ ފަރާތްތަކަކަށް ވާންޖެހޭނެއެވެ. ބިލުގައިވާ ގޮތުން ޕްރޮގްރާމުގެ ބައިވެރިންގެ ހުރުމާއި، ކެއުމާއި، ބޭސްފަރުވާ އަދި ދަތުރުފަތުރުގެ ޚަރަދުތައް ހަމަޖައްސައިދޭނީ ދިފާޢީ ވުޒާރާއިންނެވެ. އަދި ބައިވެރިންނަށް އެކަށީގެންވާ އިނާޔަތެއް ދިނުމަށްވެސް ބިލުގައި ހިމަނާފައިވާއިރު، މި ޕްރޮގްރާމް ފުރިހަމަކުރާ ޒުވާނުން ޔުނިފޯމް އެޅި ޚިދުމަތެއްގައި އެއް އަހަރަށްވުރެ ދިގުނުވާ މުއްދަތަކަށް މަސައްކަތް ކުރަންޖެހޭނެއެވެ.

މި ޕްރޮގްރާމް ހިންގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބަލަހައްޓަވާ ޚާއްޞަ ގަވަރނިން ކައުންސިލެއް އެކުލަވާލުމަށް ބިލުގައި ހިމަނާފައިވާއިރު، މި ކައުންސިލްގައި ދިފާޢީ ވަޒީރު، ދާޚިލީ ވަޒީރު، މާލީ ވަޒީރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް އަދި ކޮމިޝަނަރ އޮފް ޕޮލިސް ހިމެނިވަޑައިގަންނަވާނެއެވެ.

އަދި މި ޕްރޮގްރާމް ނިންމާ ޒުވާނުންނަށް ޔުނިފޯމް އެޅި ޚިދުމަތްތަކުން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450