Ads by Farudhun

ޚަބަރު

އެސްކެޕްގެ 82 ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

އެސްކެޕްގެ 82 ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

ރާއްޖެއިން ބައިވެރިވުން/ފޮޓޯ: ޚާރިޖީ ވުޒާރާ ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 އޭޕްރީލު 2026، 12:19

22 އޭޕްރީލު 2026، 12:19

ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް ކޮމިޝަން ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ގެ 82 ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ ވަފްދުގެ އިސްވެރިޔަކީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ އެކައުންޓެންޓް ޖެނެރަލް މުޙައްމަދު އާޒާދުއެވެ. މި ސެޝަންގެ ޝިޢާރަކީ "ލީވިންގ ނޯ ވަން ބިހައިންޑް: އެޑްވާންސިންގ އަ ސޮސައިޓީ ފޯރ އޯލް އޭޖާސް އިން އޭޝިއާ އެންޑް ދަ ޕެސިފިކް"އެވެ.

މި ސެޝަންގެ ޢާންމު ބަހުސްގައި ވާހަކަފުޅުދައްކަވަމުން އާޒާދު ވަނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ އާބާދީގެ ބަދަލުތަކަށް އަލިއަޅުއްވާލައްވައި، ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް ތަރައްޤީގެ ފައިދާތައް ހޯދައިދިނުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރާނެ ކަމުގައި ވިދާޅުވެފައެވެ. އެގޮތުން، އެ އާޒާދު ވަނީ އިސްރަށްވެހިންނާ ގުޅޭ ޤައުމީ ސިޔާސަތާއި، އިސްރަށްވެހިންނާ ގުޅޭ ޤައުމީ އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، ޢާންމު ޞިއްޙީ ނިޒާމާއި އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުން ފަދަ ދާއިރާތަކުން ރާއްޖެ އިން ކުރިއަށްގެންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން،  މަސައްކަތު އާބާދީގެ ހުނަރު އިތުރުކުރުމަށާއި، ވަޒީފާ އަދާކުރާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ވަޒީފާގެ މާހައުލުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި، "ފަށާ މަދަދު" ލޯނު ސްކީމް ފަދަ ޚާއްޞަ ޕްރޮގްރާމްތައް މެދުވެރިކޮށް އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވެސް އަލިއަޅުވާލެއްވިއެވެ. އަދި ދެމެހެއްޓެނިވި ހަކަތައާއި ވިލުންތެރިކަން މެދުވެރިކޮށް މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދިވެހިރާއްޖެ އިން އަޅަމުންދާ ފިޔަވަޅުތަކާއި، "މޯލްޑިވްސް 2.0" އިނީޝިއެޓިވްގެ ދަށުން ކުރިއަށްދާ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަސައްކަތައް އޭނާ ފާހަގަކުރެއްވިއެވެ.

މި ސެޝަންގެ އިންޓަރގަވަރމެންޓަލް ވޯކިންގ ގްރޫޕްގެ ބައްދަލުވުންތަކުގެ ޗެއަރގެ މަސްއޫލިއްޔަތު އަދާކުރައްވަނީ ދިވެހިރާއްޖެއިން ޔޫއެން އެސްކެޕްއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ހުދާ ޢަލީ ޝަރީފްއެވެ. މިއީ މި ސެޝަންގައި ފާސްކުރުމަށް ހަމަޖެހިފައިވާ ޤަރާރުތަކާއި ނިންމުންތަކާ ގުޅޭގޮތުން މެމްބަރު ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކެކެވެ.

ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް ކޮމިޝަން ފޯރ އޭޝިއާ އެންޑް ދަ ޕެސިފިކް، އެސްކެޕް ގެ 82 ވަނަ ސެޝަން މި އަހަރުގެ އޭޕްރީލް މަހުގެ 24 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450