ޚަބަރު
މިނިމަމް ވޭޖުގެ ޤާނޫނުގެ ސަބަބުން ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް މަންފާއެއް ނުކުރޭ: ޝުޖާއު
އެމްޕީ ޝުޖާއު/ފޮޓޯ: މަޖިލިސް
19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި މިނިމަމް ވޭޖުގެ ޤާނޫނުގެ ސަބަބުން ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް މަންފާއެއް ނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ، މަޖިލީހުގެ މެމްބަރު މައުރޫފު ޒާކިރު ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހެޅުއްވި އިޞްލާހަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރައްވަމުންނެވެ. މި އިޞްލާޙަކީ މުވައްޒަަފުންނަށް ސާރވިސް ޗާޖު ދިވެހި ރުފިޔާއިން ދިނުން މަނާކޮށް، ސާވިސް ޗާޖުގެ ގޮތުގަައި ލިބޭ ފައިސާ ލިބުނު ބާވަތަކުން ދިނުން ލާޒިމުކުރުމަށް ހުށަހެޅުއްވި އިޞްލާޙެކެވެ.
މި އިޞްލާޙަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ، ސާވިސް ޗާޖާ ގުޅޭގޮތުން މުވައްޒަފުންގެ ހުރި ޝަކުވާތަަކަށް ހައްލު ލިބޭ ގޮތަށް، އިތުރު ގިނަ މައްސަލަތަކެއް ހައްލުވާނެ ގޮތަކަށް ފަރުމާކުރެވިފައިވާ އިޞްލާޙުތަކެއް ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މުވައްޒަފުންގެ ގްރޫމިން ސްޓެންޑަޑާ ގުޅޭ ކަންކަން ވެސް ހިމެނޭކަމަށާއި، މައުރޫފު ޒާކިރު ހުށަހެޅުއްވި އިޞްލާޙަކީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ގަސްތުކުރާ އިޞްލާޙުތަކުގެ ވާހަކަ އަޑުއެއްސެވުމަށްފަހު "ވައްކަންކުރައްވައިގެން" ހުށަހަޅުއްވާފައިވާ އިޞްލާޙެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙައްޤުގައި ވާހަކަދައްކާ، ބިލުތައް މަޖިލީހަށް ހުށަހަޅާއިރު ވަރަށް ތަފްޞީލީ ގޮތެއްގައި ދިރާސާތަކެއް ހެދިގެން، އެ މުވައްޒަފުންގެ ބައިވެރިވުމާއި މަޝްވަރާއާއެކު އިޞްލާޙުތައް ހުށަހެޅުން މުހިންމުކަން ޝުޖާއު ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް، ކުރީ ސަރުކާރުން ހުށަހަޅައިގެން 19 ވަނަ މަޖިލީހުގައި މިނިމަމް ވޭޖުގެ ޤާނޫނު އެކުލަވާލިއިރު، އެކަށީގެންވާ މަޝްވަރާތަކެއް ކުރެވިފައިނުވާކަމަށް ޝުޖާއު ވިދާޅުވިއެވެ.
އޭގެ އެއްހެކި އެއީ މިނިމަމް ވޭޖުގެ ޤާނޫނު 19 ވަނަ މަޖިލީހުން ފާސްވެގެންދިޔަ ގޮތް. މިއަދު އައްސަވާ ރިސޯޓު އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ ޒުވާނުންގެ އަރިހުން މިނިމަމް ވޭޖުގެ ޤާނޫނުގެ ދަށުން ކޮން މުވައްޒަފަކަށްތޯ އޭގެ ޙައްޤު އުޖޫރަ ލިބުނީ. އަޅުގަނޑު މި ބިލަށް ބަހުސްކުރުމުގެ ކުރިން އަަޅުގަނޑުގެ ދާއިރާގައި ރިސޯޓުތަކުގެ ޓޮޕް މެނޭޖުމެންޓުގައި އަދި އޭގެ ދަށު ފަންތީގައި މަސައްކަތްކުރާ މުވައްޒަފުންނާވެސް އަޅުގަނޑު މަސައްކަތްކުރިން.
ޝުޖާއު ވިދާޅުވިއެވެ.
ރާއްޖޭގެ ގިނަ ރިސޯޓުތަކުގައި މިހާރުވެސް ސާރވިސް ޗާޖު ފޯރުކޮށްދެނީ ބޭރު ފައިސާއިންކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ، މެންބަރު މައުރޫފު ހުށަހެޅުއްވި އިޞްލާޙުގައި ސާރވިސް ޗާޖު ދޭންޖެހެނީ ސާރވިސް ޗާޖު ނަގާ ފައިސާގެ ބާވަތުންކަން ބަޔާންކުރައްވާފައިވާ ކަމަށެވެ. ނަމަވެސް، އެހެން އޮތުމުން ޑޮލަރުން އެ ފައިސާ ދިނުން ލާޒިމުނުވާކަމަށް ޝުޖާއު ވިދާޅުވިއެވެ. ހަމަ އެއާއެކު، މިނިމަމް ވޭޖާއި ނައިޓަށް ރަށަށް ދެވޭ ގޮތަށް ޤާނޫނަށް ގެނައި ބަދަލުތަކުގެ މަންފާ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ނުލިބެނީ އެ ޤާނޫނުތައް އެކުލަވައިލުމުގައި އެ ދާއިރާގެ ހިއްސާދާރުންނާއި މުވައްޒަފުންނާ އެކަށީގެންވާ މަޝްވަރާތަކެއް ކުރެވިފައިނުވާތީކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
އަދި ސަރުކާރުން ވަޒީފާއާ ބެހޭ ޤާނޫނަށް އިޞްލާޙުތައް ހުށައަޅުއްވާއިރު، ވަޒީފާދޭ ފަރާތްތަކާއި ރިސޯޓުތަކުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެކަން ޝުޖާއު ފާހަގަކުރެއްވިއެވެ.