Ads by Farudhun

ޚަބަރު

ޙައްޖު ކިއު ދިގުވެފައި އޮތް މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫން: ވަޒީރު ޝަހީމް

ޙައްޖު ކިއު ދިގުވެފައި އޮތް މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫން: ވަޒީރު ޝަހީމް

ވަޒީރު ޝަހީމް/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 އޭޕްރީލު 2026، 02:57

22 އޭޕްރީލު 2026، 02:57

ޙައްޖު ކިއު ދިގުވެފައި އޮތް މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫންކަމަށް އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ޙާޒިރުވެވަޑައިގަންނަވާ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. 

ވަޒީރު ވިދާޅުވީ، ޒަމާނަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ރާއްޖެއިން ވެސް ޙައްޖުވެރިންނަށް ދޭ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރަމުންދާ ކަމަށެވެ. އެގޮތުން، މިނާއާއި ޢަރަފާތުގައި މީގެ ކުރިން ޙައްޖުވެރިންނަށް ނުލިބޭ ފުރިހަމަ ޚިދުމަތެއް މިހާރު ލިިބިގެންދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު، މައްކާއިން މަދީނާއަށް ކުރާ ދަތުރު ހައި ސްޕީޑް ރޭލުގައި ކުރުމާއި، މައްކާ ރޫޓުގެ ފަސޭހަ ޚިދުމަތް ހޯދައިދިނުމަކީ މިގޮތުގެ މަތިން ކުރެވުނު މުހިއްމު މަސައްކަތްތަކެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ޙައްޖު ކިއު ދިގުވުމުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ޙައްޖު ކިއު ދިގުވެފައި އޮތް މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫންކަމަށެވެ. އަދި މި މައްސަލައަކީ ކޮވިޑްގެ ސަބަބުން ޙައްޖުގެ ކިއު ދިގުދެމިގެންދިއުމުގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް ކަމަށާއި، ޙައްޖު ކިއުގައި ތިބި އުމުރުން ދުވަސްވީ ފަރާތްތަކަށް އިސްކަން ދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ނިންމަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، 65 އަހަރުން މަތީގެ މީހުންނަށް ޚާއްޞަ އިސްކަން ދިނުން ހިމަނާ މިކަމަށް ޢަމަލު ކުރަން ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ހަމަ އެއާއެކު، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިކަންކަން ކުރިއަށް ގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުންކަމަށާއި، މިކަންކަން ތަންފީޒުކުރުމުގައި ވުޒާރާގެ ފަރާތުން ދޭންޖެހޭ އެންމެހާ އެހީތެރިކަމެއް އެންމެ މަތީ ދަރަޖައަށް ދެއްވާނެކަމަށް ވަޒީރު މިއަދު ވިދާޅުވިއެވެެ.

އަދި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން އަދި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީން އަބަދުވެސް ދިވެހިރާއްޖޭގެ ހައްޖުވެރިންނަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަންވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450