Ads by Farudhun

ޚަބަރު

އޭސީސީއިން ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލި ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކޮށްފި

އޭސީސީއިން ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލި ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކޮށްފި

ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކުރުން/ފޮޓޯ: އޭސީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 އޭޕްރީލު 2026، 02:58

22 އޭޕްރީލު 2026، 02:58

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލި 5 ވަނަ ސްޓްރެޓީޖިކް ޕްލޭން މިއަދު އިފްތިތާޙުކޮށްފިއެވެ.

މި ޕްލޭނަކީ ކޮރަޕްޝަންގެ ހިރާސް ބޮޑު ދާއިރާތަކަށް އަމާޒުކޮށްގެން، ކޮމިޝަނުގެ ވަޞީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް އެކުލަވާލާފައިވާ މުހިންމު މަގުޗާޓެކެވެ.

މި ޕްލޭންގެ މައިގަނޑު އަމާޒަކީ، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތުން ރައްޔިތުންނަށް ފެންނަފަދަ ހެޔޮ ބަދަލުތަކެއް ގެނައުންކަމަށްވީއިރު، މި ސްޓްރެޓީޖިކް ޕްލޭން މައިގަނޑު 5 ދާއިރާއަކަށް ވަނީ ބަހާލާފައެވެ. އެއީ ގަވަރނަންސް އަދި އިދާރީ ތަރައްޤީ، އިދާރީ ހިންގުން ހަރުދަނާކޮށް އެދެވޭ ނަތީޖާ ޙާސިލްކުރުން، ޤައުމީ ނަޒާހަތްތެރިކަމުގެ ނިޒާމު ހަރުދަނާކުރުން، ދައުލަތުގެ ޕްރޮކިއުމަންޓާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގަވަރނަންސް ހަރުދަނާކުރުން، އަދި ސިޔާސީ ކޮރަޕްޝަން ހުއްޓުވުމާއި އެކަމަށް ފިޔަވަޅު އެޅުމެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ިވިދާޅުވީ، މި ޕްލޭންގެ ދަށުން އިދާރީ ގޮތުން ކޮމިޝަން ހަރުދަނާކުރުމަށްޓަކައި ޤާބިލު މުވައްޒަފުން ބިނާކުރުމާއި، މަސައްކަތުގެ މާޙައުލަކީ މުވައްޒަފުންނަށް ހިތްހަމަޖެހޭ ތަނަކަށް ހެދުމަށް ރޭވިފައިވާ ކަމަށެވެ. ހަމަ އެއާއެކު، ހެކިތަކުގެ މައްޗަށް ބިނާވެ، ނަތީޖާ ނެރެވޭނެ ފަދަ ގޮތަކަށް ކޮމިޝަނުގެ އުޞޫލުތައް ބަދަލުކޮށް، ތަޙުޤީގުކުރުމާއި ދައުވާކުރުމުގެ މަރުހަލާތައް ހަރުދަނާކުރުމަށް ވެސް ނިންމާފައިވާކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، ނަޒާހަތްތެރިކަން އިތުރުކުރުމުގެ ގޮތުން ހުރިހާ އުމުރުފުރާތަކަކަށް މަޢުލޫމާތު ދިނުމާއި، މޯލްޑިވްސް އެންޓި-ކޮރަޕްޝަން އެކަޑަމީ މެދުވެރިކޮށް ތަމްރީނުތައް ފުޅާކުރުމަށް މި ޕްލޭންގައި ވަނީ އިސްކަންދީފައެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަންގެ ހިރާސް ބޮޑު ތަންތަން ދެނެގަނެ، އެތަންތަނުގެ ނިޒާމުތައް އިޞްލާޙުކުރުމާއި، ޕްރޮކިއުމަންޓް ނިޒާމު މޮނިޓަރކުރުން ހަރުދަނާކުރުމަށް ޚާއްޞަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ކަނޑައަޅާފައެވެ.

އަދި ކުރިޔަށް އޮތް 5 އަހަރަށް އެކުލަވާލެވިފައިވާ މި ޕްލޭންގެ އެންމެ މުހިންމު އެއް ބަޔަކީ ސިޔާސީ ދާއިރާގައި ހިނގާ ކޮރަޕްޝަން ހުއްޓުވުންކަމަށްވީއިރު، އިންސާފުވެރި އިންތިޚާބުތަކެއް ބޭއްވޭނެ އިންތިޒާމުތަކާއި، ވަޒީފާ ދިނުމުގެ ކަންކަން ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބާރުއަޅައި، ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރުން ހިމެނެނޭކަމަށް އޭސީސީން ވަނީ ވިދާޅުވެފައެވެ.

މި ޕްލޭންއަކީ، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ނަޒާހަތްތެރިކަން އިތުރުކޮށް، ކޮރަޕްޝަންގެ ޢަމަލުތައް މަދުކުރުމަށް އެޅިގެންދާނެ ވަރުގަދަ ބިންގަލެއްކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450