ޚަބަރު
ޤުރުއާން މުބާރާތްތަކަކީ އީމާންތެރިކަމާއި އަޚްލާޤީ ސިފަތައް އަށަގަންނުވައިދޭ ކަމެއް: މެޑަމް ސާޖިދާ
މެޑަމް ސާޖިދާ މުޙައްމަދު ފޮޓޯ:ރައީސް އޮފީސް
ޤުރުއާން މުބާރާތްތަކަށް ތައްޔާރުވުމަކީ ހަމައެކަނި ތަޖުވީދުގެ ހަމަތަކުން ރީތިކޮށް ކިޔަވަން ދަސްވުމުގެ އިތުރުން، އީމާންތެރިކަން ވަރުގަދަވެ، ކެތްތެރިކަމާއި އަޚްލާޤީ ރަނގަޅު ސިފަތައް ނަފްސުގައި އަށަގަތުމަށް މަގުފަހިވާ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މުވައްޒަފުންގެ މެދުގައި ބޭއްވި ދެވަނަ ޤުރްއާން އަދި މަދަހަ މުބާރާތް 1447 ނިންމުމުގެ ގޮތުން ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެހި ހިތެއްގެ ވިންދަކަށް ވާންވާނީ ކީރިތި މާތް ކަލާމްފުޅަށް އޮތް ފުން ލޯތްބާއި މަތިވެރި ޤަދަރާއި އިޙްތިރާމް ކަމަށެވެ. އަދި މިފަދަ މުބާރާތްތަކަށް ތައްޔާރުވާއިރު ލިބޭ އަމިއްލަ ތަޖުރިބާތަކާއި ހޭލުންތެރިކަމަކީ، ހަމައެކަނި ހުނަރު ދެއްކުމުގެ ބަދަލުގައި މުޅި އުމުރަށް ދެމިގެންދާނެ އަގުހުރި ފިލާވަޅުތަކެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ވެމްކޯގެ މުވައްޒަފުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވަމުން އެކަމަނާ ވިދާޅުވީ، ވެމްކޯގެ މުވައްޒަފުންނަކީ ރާއްޖޭގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ރެއާއި ދުވާލު އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ، އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ހޯދައިދޭ ބައެއް ކަމަށެވެ. މި މުހިއްމު ޚިދުމަތުގެ އިތުރުން، މުވައްޒަފުންގެ މެދުގައި އިސްލާމީ އަޚުލާޤާއި ދީނީ ރޫޙު އާލާކުރުމަށް ކުންފުނީގެ މެނޭޖްމަންޓުން ކުރައްވާ މަސައްކަތްތަކަކީ ނަމޫނާ، ތަޢުރީފު ހައްގު މަސައްކަތްތަކެއް ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.
މި މުބާރާތުން ފަޚުރުވެރި ވަނަތައް ހޯއްދެވި މުވައްޒަފުންނަށް މެޑަމް ސާޖިދާ ވަނީ ތަހުނިޔާ ދަންނަވާފައެވެ. އަދި ވަނަ ނުލިބޭ ބައިވެރިން މާޔޫސްނުވެ، އަންނަ އަހަރުގެ މުބާރާތުގައި ކާމިޔާބީ ހޯދުމަށް އިތުރަށް މަސައްކަތް ކުރުމަށް އެކަމަނާ ވަނީ ހިތްވަރު ދެއްވާފައެވެ.
ރޭގެ ރަސްމިއްޔާތުގައި، ވެމްކޯ މުވައްޒަފުންގެ ޤުރުއާން އަދި މަދަހަ މުބާރާތުން އެކި ގިންތިތަކުން އެއްވަނަ ޙާޞިލްކުރި ފަރާތްތަކަށް އިނާމާއި ޓްރޮފީ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.