Ads by Farudhun

ޚަބަރު

މަޢުލޫމާތު ފުރިހަމަނުކުރާ ބިދޭސީން އަންނަ މަހުގެ 2 އިން ފެށިގެން ޑީޕޯޓްކުރަނީ

މަޢުލޫމާތު ފުރިހަމަނުކުރާ ބިދޭސީން އަންނަ މަހުގެ 2 އިން ފެށިގެން ޑީޕޯޓްކުރަނީ

ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މޮނީޓަރ ކުރުމަށް ޗެކްކުރަނީ ފޮޓޯ: އިމިގްރޭޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 އޭޕްރީލު 2026، 11:22

23 އޭޕްރީލު 2026، 11:22

ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން މިހާތަނަށް ފުރިހަމަ މަޢުލޫމާތު ދީފައިނުވާ މީހުން އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން ހޯދައި، ރާއްޖެއިން ޑީޕޯޓްކުރަން ފަށާނެކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ހިންގާ "އޮޕަރޭޝަން ކުރަނގީ" ގެ ތިންވަނަ ފިޔަވަހި އަންނަ މަހުގެ 2 ގައި ފެށޭނެ ކަމަށެވެ. އަދި އެ ތާރީޚުން ފެށިގެން ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި، މަޢުލޫމާތު ދިނުމަށް ދެވުނު ފުރުޞަތުގެ ބޭނުން ނުހިފާ ތިބި މީހުން ހޯދައި ހައްޔަރުކޮށް، ފޮނުވާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ހާމަކުރެއްވި ގޮތުގައި، މި އޮޕަރޭޝަން ފެށުމުގެ ކުރިން ވާރކް ޕާމިޓް ފީ ނުދައްކާ އަދި ވިސާއެއް ނެތް 148,417 މީހުން ތިބިކަމަށް ރެކޯޑްތަކުން ދެއްކިއެވެ. ނަމަވެސް އޭގެ ތެރެއިން ރާއްޖޭގައި ތިބީ ކިތައް މީހުންކަން އޭރު ޔަޤީނެއް ނުވެއެވެ. އޭރު ޤަވާއިދާ އެއްގޮތަށް ތިބީ އެންމެ 28.97 އިންސައްތަ މީހުން ކަމުގައި ވިޔަސް، ވޭތުވެދިޔަ ދެ އަހަރު ކުރެވުނު މަސައްކަތުން އެ ޢަދަދު މިހާރު ވަނީ 62 އިންސައްތައަށް އިތުރުވެފައެވެ. އަދި މިހާތަނަށް ދެލައްކަ ހަ ހާހަށްވުރެ ގިނަ މީހުންގެ ފިންގަޕްރިންޓާއި ބަޔޯމެޓްރިކްސް މަޢުލޫމާތު އެއްކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިވަގުތު މަޢުލޫމާތު ނުދީ ތިބީ 2,933 މީހުން. ފީ ނުދައްކާ އުޅޭ ކޮންމެ ބިދޭސީއަކުވެސް ވަގުތުން ޑީޕޯޓްކޮށްލެވޭނެ،

ވަޒީރު 

 މީގެ އިތުރުން، ކޮންމެ ވަޒީފާދޭ ފަރާތަކަށްވެސް އެމީހެއްގެ ބެލުމުގެ ދަށުގައި ތިބި ބިދޭސީންގެ ވިސާގެ ޙާލަތު ސިސްޓަމުން ފެންނަން ހުންނާނެ ކަމަށާއި، ޤަވާއިދާ އެއްގޮތަށް ފީތައް ދައްކައިގެން ބިދޭސީން ގެންގުޅުމަށް ވަޒީރު އިލްތިމާސް ކުރެއްވިއެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމެވެ. މި މަސައްކަތުގެ ދަށުން ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް ބިދޭސީންގެ ބަޔޯމެޓްރިކްސް މަޢުލޫމާތު އެއްކޮށް، ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އޮޕަރޭޝަން "ކުރަނގި" ފެށީ 2024  އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހެވެ.  މި ޕްރޮގްރާމް ފަށައިފައިވަނީ ކ. ހިންމަށީގައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450