ޚަބަރު
"ފޮޓޯފުޅު" ޖައްސަވަން އައީ އަމުރެއް، އެކަމާ ނުކައި ނުބޮއި ހަޅުތާލުވެސް ކުރެއްވި: ސުޖާ
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާޢު ފޮޓޯ: އަވަސް
ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކަންހިނގައިދިޔަ ގޮތާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސުޖާ ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް އުޅުއްވެނީ ވަރަށް ބޮޑަށް އޮޅިވަޑައިގެން ކަމަށެވެ. ޗެނަލް 13 އިން ފެންމަތިކުރި ވާހަކަތަކަށް އިޝާރާތް ކުރައްވައި ސުޖާ ވިދާޅުވީ، އޭރު ކެނޑިޑޭޓާއި ރަނިންގ މޭޓުގެ ފުރަތަމަ ފޮޓޯގައި ކުރީގެ ރައީސް ޔާމީންގެ "ފޮޓޯފުޅު" ނުހިމެނޭތީ އެކަމާ ގުޅިގެން "ފޮޓޯފުޅު" ޖެއްސެވުމަށް އަމުރެއް އައި ކަމަށެވެ. އަދި އެކަން އެގޮތަށް ނުވެގެން ބައެއް ބޭފުޅުން ނުކައި ނުބޮއި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރެއްވި ކަމަށާއި، ފޮޓޯފުޅު ނުޖައްސަވައިގެން އޭރު ސުޖާމެން ކުށްވެރިވެސްވި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ފަހުން އެ އަމުރުފުޅު ތަންފީޒު ކުރުމުގެ ގޮތުން ފޮޓޯފުޅު ޖެއްސެވީ ކަމަށް ސުޖާ ވިދާޅުވިއެވެ.
އިދިކޮޅުން މިފަދަ ލިއުމެއް ލިއެފައިވާ ކަނބަލަކަށް ރައްދުދެއްވަމުން ސުޖާ އިތުރަށް ވިދާޅުވީ، އެ ބޭފުޅުންނަށް މިކަންކަން އެނގިވަޑައިނުގަންނަވާނެ ކަމަށާއި، އޭރު އެ ބޭފުޅުން އުޅުއްވީ މުސްތަފާ މުސާރަ ނުދެއްވައިގެން އެ ޝަކުވާ ކުރެއްވުމުގައި ކަމަށެވެ.
މި ރައްދު ސުޖާ ދެއްވާފައިވަނީ، މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ވެރިކަމަށް އައީ ރައީސް ޔާމީންގެ ހުސްގޮނޑި ދައްކައިގެން ނާޖާއިޒް ފައިދާ ނަގައިގެން ކަމަށް ބުނެ ޗެނަލް 13 އިން ފެންމަތިކުރި ވާހަކަތަކަކާ ގުޅިގެންނެވެ. އެ ޗެނަލުން ތުހުމަތުކޮށްފައިވަނީ، އޭރު ރައީސް ޔާމީން މިނިވަންކުރުމުގެ ނަމުގައި މަގުމަތީގައި މުޒާހަރާކޮށް، ފޮޓޯ ނެގުމަށްފަހު އިސް ބޭފުޅުން ފިލައިގެން ދަނީ ކަމަށެވެ.
ނަމަވެސް ސުޖާ ވަނީ މި ހުރިހާ ވާހަކަތަކެއް ދޮގުކުރައްވައި، އޭރު ކަން ހިނގި ގޮތުގެ ހަގީގަތް ހާމަކުރައްވާފައެވެ. ސުޖާގެ މި ވާހަކަތަކާއެކު، ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ޕީޕީއެމް/ޕީއެންސީގެ އެތެރޭގައި ހިނގާދިޔަ ބައެއް ކަންކަމުގެ ފަރުދާ މިވަނީ ކުޑަކޮށް ކަހާލެވިފައެވެ.
ތިއުޅުއްވަނީ ވަރަށް ބޮޑު އޮޅިވަޑައިގެންނެވެ.ގޮސް ދަންނަވާށެވެ.”ފޮޓޯފުޅު“ ޖައްސަވަން އައީ އަމުރެކެވެ.ކެނޑިޑޭޓާއި ރަނިންގ މޭޓްގެ ފުރަތަމަ ފޮޓޯގައި ”ފޮޓޯފުޅެއް“ ނުހިމެނެއެވެ.އެކަމާ ހެދި ނުކައި ނުބޮއި ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކުރެއްވި ކަމަށްވެއެވެ.”ފޮޓޯފުޅު“ ނުޖައްސަވައިގެން…
— Ibrahim Shujau (@IbrahimShujaau) April 22, 2026