ޚަބަރު
ހަނގާކުރާ ފަރާތްތަކަށް ޖިނާޢީ ފިޔަވަޅު އެޅުމަށް ބަންޑާރަނައިބުގެ އޮފީހާއެކު މަސައްކަތް ފަށައިފި
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ފޮޓޯ: ރައީސް އޮފީސްް
ސްކޫލްތަކާއި، އޮފީސްތަކާއި އަދި އާންމު އިޖުތިމާޢީ މާޙައުލުތަކުގައި ހަނގާކުރުން ނުވަތަ ބުލީކުރުމުގެ މައްސަލަތައް އިތުރުވަމުންދާތީ، އެކަންކަން ހުއްޓުވުމަށް، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ޖިނާޢީ ފިޔަވަޅު އެޅުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހާއެކު މަސައްކަތް ކުރަމުން އަންނަކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ހަނގާކުރުމާއި އިޖުތިމާޢީ އާންމު މިންގަނޑާ ޚިލާފު އެނޫންވެސް ކުށްތައް ހުއްޓުވުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ބުލީގެ ޝިކާރައަކަށްވެ މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހިތާމަވެރި އެތައް ޙާދިސާއެއް ދަނީ ހިނގަމުންނެވެ.
ބުލީކުރުމާ ގުޅޭގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަތުމަށް، އަޅުގަނޑުމެން މިހާރު މިދަނީ އެޓަރނީ ޖެނެރަލްގެ އޮފީހާއެކު މަސައްކަތްކުރަމުން،
ވަޒީރު އިޙްސާން
ވަޒީރު އިތުރަށް ވިދާޅުވީ، މީހުންގެ ފުރާނައަށް ނުރައްކާވާ، މިފަދަ ކަންކަމަކީ ސީރިއަސް ޖިނާޢީ ކުށްތަކެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ޖިނާޢީ ދަޢުވާ އުފުލޭނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ޖިނާޢީ ފިޔަވަޅު އެޅޭނެ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލެވިއްޖެނަމަ، އެކަން ކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަޤީންކަންވެސް ވަޒީރު ދެއްވިއެވެ.
ސްކޫލްތަކާއި، ކޮލެޖް، ޔުނިވަރސިޓީތަކުގެ އިތުރުން މަސައްކަތުގެ މާޙައުލުގައިވެސް ހަނގާކުރުމުގެ މައްސަލަތައް އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މިކަމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި، ބައެއް ފަހަރު ފުރާނަ ގެއްލޭ ފަދަ ހިތާމަވެރި ހާދިސާތައް ހިނގަމުންދާތީ އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން އިތުރުވެފައެވެ.