ޚަބަރު
ދަނާލުގައި އަންހެނަކު ނިޔާވި މައްސަލަ: ފުލުހުންނަށް ގުޅިކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް - ވަޒީރު އިޙްސާން
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ދަނާލުގައި އަންހެނަކު ނިޔާވި ހާދިސާއާ ގުޅިގެން، އެ އަންހެން މީހާ މަރުވުމުގެ ކުރިން ފުލުހުންނަށް ގުޅަން މަސައްކަތް ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އެ ހާދިސާއާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް މައުލޫމާތު ދެއްވުމަށް މީޑިއާތަކާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު އިޙްސާން ދެއްވި ތަފްސީލުތަކަށް ބަލާއިރު، މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 8:40 ހާއިރު، އެ އަންހެން މީހާގެ ފަރާތުން ފުލުހުންގެ ވިކްޓިމް ސަޕޯޓްގެ ވައިބާ ނަންބަރަށް މެސެޖެއް ލިބުނެވެ. އަދި 8:49 އާ ހަމައަށް ވިކްޓިމް ސަޕޯޓުން އޭނާއަށް ޖަވާބު ދީފައިވާއިރު، އޭނާގެ ފަރާތުން އެންމެ ފަހުން ޖަވާބެއް ލިބުނީ 8:50 ގައެވެ.
އޭނާ އެރޭ 8:53 ގައި ދެ މެސެޖު ކުރި. އޭނާ ރަނގަޅު ކަމަށާއި 8:56 ގައި ބޭރަށް ދާ ކަމަށް ބުނެ މެސެޖު ކުރި، ވަޒީރު
މީގެ އިތުރުން، އެރޭ ދަންވަރު 12:38 ގައި އޭނާ ވިކްޓިމް ސަޕޯޓަށް މެސެޖު ކުރުމުން، 3 މިނެޓު ތެރޭގައި ފުލުހުން ޖަވާބު ދީފައިވާ ކަމަށާއި، މިއީ އެ ފަރާތާއި ފުލުހުންނާ ދެމެދު ހިނގި އެންމެ ފަހުގެ މުއާމަލާތް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، އެ އަންހެން މީހާ ފުލުހުންނަށް ގުޅަން މަސައްކަތްކޮށް، ފުލުހުންގެ ފަރާތުން އިޖާބަ ނުލިބޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރިފައިވަނީ ކަނޑައެޅިގެން ދޮގު މައުލޫމާތެއް ކަމަށެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި މިފަދަ ނާޒުކު މައްސަލަތަކުގައި ހަގީގަތާ ޚިލާފު ވާހަކަ ނުފެތުރުމަށް ވަޒީރު އިލްތިމާސް ކުރެއްވިއެވެ.
"ނަފްސާނީ ކަންކަން ހިމެނޭފަދަ މައްސަލަތަކުގައި ވަރަށް ބޮޑަށް އެދެން ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް. މީގެ ސަބަބުން މިވަގުތު މިފަދަ ކަންކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ވަރަށް ބޮޑަށް އަސަރު ކުރަމުންދޭ އަދި ހަމައެއާއެކު މި ހާދިސާތައް ދިމާވެފައި ހިތާމަތައް ދިމާވެފައިވާ އާއިލާތަކަށް ނުހަނު ހިތާމަތައް ލިބިގެންދޭ،" ވަޒީރު ވިދާޅުވިއެވެ.
ހާދިސާ ހިނގި ގޮތުގެ އިތުރު ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، ވިކްޓިމް ސަޕޯޓުން ފޮނުވި ފަހު މެސެޖަށް އޭނާ ޖަވާބު ނުދީ އޮފްލައިންވުމުން، ދަންވަރު 1:03 ހާއިރު ފުލުހުންގެ ކޮމާންޑް ސެންޓަރަށް ގުޅައި އެތަނަށް ފުލުހުން ފޮނުވުމަށް އެދިފައިވާ ކަމަށެވެ. ފުލުހުން 1:08 ހާއިރު ދަނާލަށް ވަދެފައިވާއިރު، އެ އަންހެން މީހާ އުޅުނު ކޮޓަރި ހޯދިފައިވަނީ 1:32 ހާއިރުއެވެ.
މި މައްސަލާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާ މެދު ސުވާލު އުފެދިފައިވާތީ، އެކަމާ ގުޅޭ އެތެރޭގެ ރިވިއުއެއް ހިންގާނެ ކަމަށާއި، މިނިވަން މުއައްސަސާތަކުންވެސް މި މައްސަލަ ބަލަމުންދާނެ ކަމުގެ ޔަގީންކަން ވަޒީރު އަލީ އިޙްސާން ވަނީ ދެއްވާފައެވެ.