Ads by Farudhun

ޚަބަރު

ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ޕީއެންސީއަށް ސޮއިކުރައްވައިފި

ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ޕީއެންސީއަށް ސޮއިކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އަބްދުﷲ ޖާބިރު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 އޭޕްރީލު 2026، 03:01

23 އޭޕްރީލު 2026، 03:01

ހުލާސާ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިއަދު ސޮއިކުރައްވައިފިއެވެ.


ޖާބިރު ޕީއެންސީގެ މެންބަރަކަށް ވެވަޑައިގަތުމަށްޓަކައި އެ ޕާޓީއަށް ވަނުމުގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.


ޕީއެންސީއަށް ސޮއިކުރެއްވުމަށްފަހު "ފަރުދުން" މީޑިއާއަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ، އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅުތަކާއި ގެންގުޅުއްވާ ސިޔާސަތުތައް ވަރަށް ބޮޑަށް ކަމުދާތީ ކަމަށެވެ. އަދި ޕީއެންސީގެ ފިކުރަކީވެސް  ވަރަށް ބޮޑަށް ގަބޫލުކުރެވޭ ފިކުރެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ގެންދަވަނީ ޕީއެންސީގެ ފިކުރާ އެއްގޮތަށް ރާއްޖެ ތަރައްގީކުރުމާއި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ވަރަށް ގާތުން މަސައްކަތް ކުރައްވަމުން. އެގޮތަށް ވެރިކަން ކުރައްވާތީ ވަރަށް ހިތްހަމަޖެހޭ. ވަރަށް އިހުލާސްތެރިކަމާއެކު ރައީސް މަސައްކަތް ކުރައްވަނީ. އެހެންވީމަ ޕީއެންސީއަށް ގުޅުނީ،

ޖާބިރު 

ޖާބިރު އިތުރަށް ވިދާޅުވީ ޕީއެންސީގައި ޒުވާނުންނަށް ބޮޑެތި ފުރުސަތުތަކެއް އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން ޒުވާނުން ޕާޓީއަށް ވެއްދުމަށާއި ޕާޓީގެ މެންބަރޝީޕް އިތުރުކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވައި، އަމަލީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ޚާއްޞަ ގޮތެއްގައި، އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ޕީއެންސީއަށް ކާމިޔާބުކޮށްދިނުމަށްޓަކައި އައްޑޫއަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވާނެ ކަމަށާއި، އެ ގޮނޑި ކާމިޔާބުކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ އިރާދަފުޅާއެކު އެ ގޮނޑި ޕީއެންސީއަށް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވަމުން، ޖާބިރު ވަނީ ހުރިހާ ފަރާތްތަކުން ވެސް ޕީއެންސީއަށް ގުޅުމަށް ގޮވާލައްވާފައެވެ.

އަބްދުﷲ ޖާބިރަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން ރާއްޖޭގެ އާ ގާނޫނުއަސާސީ އެކުލަވާލުމުގައި މުހިންމު ދައުރެއް އަދާކުރެއްވުމުގެ އިތުރުން، ޑީއާރްޕީ އަދި އެމްޑީޕީ ފަދަ ބޮޑެތި ޕާޓީތަކުގައި އިސް ދައުރުތަކެއް ވަނީ އަދާކުރައްވާފައެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރުކަން ދެ ދައުރެއްގައި ކުރައްވައި، މަޖިލީހުގެ އެކި ކޮމިޓީތަކުގައިވެސް ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450