Ads by Farudhun

ޚަބަރު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް 20،000 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް 20،000 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 އޭޕްރީލު 2026، 03:35

23 އޭޕްރީލު 2026، 03:35

ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުތަކުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 20،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިޢުލާނު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި ސިޔާސަތުގެ ދަށުން 15،000 ގޯއްޗާއި 7،900 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު މިއަހަރުގެ ޖެނުއަރީ މަހު ހުޅުވާލާފައިވާއިރު، ވަޒީރު މުއްޠަލިބް ވިދާޅުވީ މިހާތަނަށް ލިބިފައިވާ 20،000 ފޯމުގެ އިތުރުން 16،000 ފޯމު ޑްރާފްޓް މަރުހަލާގައި އެބައޮތް ކަމަށެވެ. އަދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު ޖުމްލަ 36،000 އެޕްލިކޭޝަން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޕޮއިންޓް ސިސްޓަމްއަށް ބަދަލު އަންނާނެ އެއްވެސް ކަމެއް ނުކުރަން. އައު ކެޓަގަރީތައް ގެނެސްފައި ހުންނާނެ. 31 މެއި އަކީ އެންމެ ފަހުގެ ތާރީޚް. އެއަށްފަހު އިވެލުއޭޝަންގެ މަސައްކަތްތައް ފަށައިގަންނާނެ،

ވަޒީރު 

މި މަޝްރޫޢުގެ ދަށުން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ޚާއްޞަ ކެޓަގަރީތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 2،400 ފްލެޓް ޚާއްޞަ ކެޓަގަރީތަކަށް ބަހާލާފައިވާއިރު، 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދެ ޖިންސުގެ ދަރިން ތިބޭ ފަރާތްތަކަށް 3 ކޮޓަރީގެ ފްލެޓަށް އެދުމުގެ ފުރުޞަތު ވަނީ ދީފައެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތައް ބަދަލުކުރާ ފަރާތްތަކަށާއި މައިމުޅަވެފައިވާ މީހުންނަށް 1،500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ.

ރައީސް ޑރ. މުޢިއްޒު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި ލިބުނު ޚިޔާލުތަކަށް ރިޢާޔަތްކޮށް، ސަރުކާރުން ވަނީ އިތުރު ލުއިތަކެއްވެސް ދީފައެވެ. އޭގެ ތެރޭގައި "ގޯތި ގެދޮރު" ޕްރޮގްރާމްގެ ދަށުން ކަނބަލުންނަށް ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ކުރިމަތިލެވޭ ގޮތް ހަމަޖެއްސުމާއި، ކުރީ ސަރުކާރުގެ ސްކީމްތަކުން ޖޮއިންޓްކޮށް ގޯތި ލިބުނު ފަރާތްތަކަށް ވަކިވަކިން ކުރިމަތިލެވޭ ގޮތް ހެދުން ހިމެނެއެވެ. އަދި މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބެލެނިވެރިޔާގެ ނަމުގައި ފޯމު ހުށަހެޅޭނެ ޚާއްޞަ ކެޓަގަރީއެއްވެސް ވަނީ ހުޅުވާލާފައެވެ.

ވީހާވެސް ގިނަ ރައްޔިތުންނަށް ފުރުޞަތު ދިނުމުގެ ގޮތުން، މި ސްކީމްތަކަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މިހާރު ވަނީ މެއި މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. މިއީ މި މަޝްރޫޢުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450