ޚަބަރު
ތެލަސީމިއާ ކުދިންނަށް ކުނިވެފައިވާ ލޭ އެޅިކަމަށް ދެކެވޭ ވާހަކަ ހަގީގަތާ ޚިލާފު، ބޭނުންކޮށްފައިވަނީ ސިއްހީ ގޮތުން ރައްކާތެރި ލޭ : އެމް.ބީ.އެސް
މޯލްޑިވިއަން ބްލަޑް ސަރވިސަސް ފޮޓޯ: ރައީސް އޮފީސް
ތެލަސީމިއާ ކުދިންނަށް ކުނިވެފައިވާ ލޭ އެޅިކަމަށް ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި، ބޭނުންކޮށްފައިވަނީ ސިއްހީ ގޮތުން ރައްކާތެރި ލޭ ކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމް.ބީ.އެސް) އިން ބުނެފިއެވެ.
އެމް.ބީ.އެސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، 19 އޭޕްރިލް 2026 ވީ އާދިއްތަ ދުވަހުގެ ރޭ 21:00 ގައި މަރުކަޒު ބަންދުކުރި ފަހުން، ލޭ ރައްކާކުރާ ނަންބަރު 2 ފްރީޒަރަށް ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަށެވެ. މި މައްސަލަ ފާހަގަވީ އެރޭ 22:11 ހާއިރު ފްރީޒަރުގެ އެލާޓް ސިސްޓަމުން މުވައްޒަފުންނަށް މެސެޖު ލިބުމާ ގުޅިގެންނެވެ. އެލާޓް ލިބުމާއެކު ތިން މުވައްޒަފަކު ވަގުތުން ހާޒިރުވެ، އެ ފްރީޒަރުގައި ހުރި 12 ލޭ ޕެކެޓް ސްޓޭންޑްބައި ފްރީޒަރަކަށް ބަދަލުކޮށްފައިވާ ކަމަށް އެމް.ބީ.އެސް އިން މައުލޫމާތުދެއެވެ.
އެ އިދާރާއިން ހާމަކުރި ގޮތުގައި، ފްރީޒަރުގެ ފިނިހޫނުމިން އާންމުކޮށް ހުންނަންޖެހޭ 2 އާއި 6 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސް، 11 ޑިގްރީއަށް އަރާފައިވާކަން ރެކޯޑްތަކުން ދައްކައެވެ. ނަމަވެސް، ސިއްހީ މިންގަނޑުތައް ބުނާގޮތުން 10 ޑިގްރީއަށް ވުރެ މަތިނުވާ ގޮތަށް 4 ގަޑިއިރު ވަންދެން ލޭ ރައްކާތެރިކަމާއެކު ބެހެއްޓޭނެއެވެ. އެހެންކަމުން، މުވައްޒަފުން ހާޒިރުވި ވަގުތަށާއި ފިނިހޫނުމިނަށް ބަލާއިރު، އެ ލެޔަކީ ކުނިވެފައި ނުވަތަ ތަގައްޔަރުވެފައިވާ ލެޔެއް ނޫންކަމުގެ ފަންނީ ޔަގީންކަން އެބައޮތް ކަމަށް އެމް.ބީ.އެސް އިން ބުނެއެވެ.
ނަމަވެސް، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދަނިކޮށް، 20 އޭޕްރިލް 2026 ވީ ހޯމަ ދުވަހުގެ ހެނދުނު، އެ ފްރީޒަރުގައި ހުރި ލޭގެ ތެރެއިން 3 މީހަކަށް ލޭ އަޅާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މިކަން އެނގުނީ ލޭ އަޅާ ނިމުނު ފަހުން ކަމަށާއި، މިކަމުގައި އިހުމާލެއް އުޅޭތޯ ބެލުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން މިހާރު ވަނީ ތަހުގީގު ޓީމެއް އެކުލަވާލާފައެވެ. އަދި މިކަމުގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ މުވައްޒަފަކު މިދިޔަ އޭޕްރިލް 23 ވަނަ ދުވަހުން ފެށިގެން ވަނީ ވަޒީފާއަށް ނުކުތުން މަނާކޮށްފައެވެ.
އެމް.ބީ.އެސް އިން އިތުރަށް ބުނީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ބާކީ ހުރި 9 ޕެކެޓް ލޭ ބޭނުންނުކޮށް ނައްތާލާފައިވާ ކަމަށާއި، އެ ޕެކެޓްތަކުގެ ވެރިފަރާތްތަކަށް އައު ލޭ ޕެކެޓް ހޯދައިދީފައިވާ ކަމަށެވެ. އަދި ލޭ އެޅުނު 3 ފަރާތަށް އެކަން އަންގައި، ތެލަސީމިއާ ކުދިންގެ ޓެލެގްރާމް ގްރޫޕް މެދުވެރިކޮށް މިކަމަށް މައާފަށް އެދިފައިވާނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ހަގީގަތް އޮޅޭގޮތަށް ޚަބަރު ފަތުރައި، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދަން މަސައްކަތްކުރާ ފަރާތްތަކުގެ އަމަލުތައް އެމް.ބީ.އެސް އިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ސިއްހީ ޚިދުމަތް ދިނުމުގައި އެންމެހައި ފަރާތްތަކުގެ އެއްބާރުލުން ދެއްވުމަށްވެސް އެ އިދާރާއިން އެދިފައިވެއެވެ.
— Maldivian Blood Services (@MBS_mv) April 24, 2026